ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދު ފުލުހަށް ހާޒިރު ކުރީ، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށްގެންދިޔަ ތަހުގީގީ ބަޔާން ތަކުގައި ސޮއި ކުރުމަށް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އިސް ގާނޫނީ ވަކީކު އަދި އެމަނިކުފާޏުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
މިއަދު 2:00 އިން ފެށިގެން ފުލުހަށް ހާޒިރު ކުރިތާ ދެކަޑިއިރަށްވުރެވެސް ގިނަ އިރު ފަހުން، ރައީސް ޔާމީން ވަނީ ކަރެކްޝަނަލް ސާވިސްގެ ވެހިކަލްގައި އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ގެންގޮސްފައެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރި މައްސަލައާބެހޭ މައުލޫމާތު މީޑިއާއަށް ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ވ. އާރަށުގެ މައްސަލައަކީ މީގެ ކުރިންވެސް ފުލުހުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނިކޮށް، އަނެއްކާ ހަމަ އެ މައްސަލައިގައި ޕޮލިހަށް ހާޒިރު ކުރުމަކީ މީގެކުރިން ކަން ހިނގާގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިއީ ނިމިފައި އޮތް މައްސަލައެއްގެ ތަހުގީގު އަލުން ފެށުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، ހުސްވި އޭޕްރީލް މަހުގެ ތެރޭގަ އެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް ވަނީ ވ. ފެލިދޫ ކައުންްސިލާ ހަވާލުކޮށްފައެވެ.
އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ރަށް އޭގެ ފަހުން ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފައެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީވެސް އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނިލޯންޑާ ކުރުމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
ނަމަވެސް އެމަނިކުފާނު މިހާރު ވަނީ ގެއަށް ބަދަލު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު