ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވައިލި، ރިޕޯޓު ރަސްމީކޮށް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކޮށްފައި ނުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ ރިޕޯޓާ ބެހޭ ގޮތުން ނޫސްވެރިން ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބު ދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މިއަދު ވިދާޅުވީ އިންކުއަރީގެ ރިޕޯޓް ރަސްމީކޮށް އަދި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް، މަޖިލީހުން ފާސްކޮށް އާންމު ކޮށްފައިވާ އެ ރިޕޯޓް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެ ރިޕޯޓު މަޖިލީހުން ފާސްކުރީ ހުކުރު ދުވަހަށް ފަތިސް ވަނިކޮށް ކަމުން އެ ރިޕޯޓު ރައީސަށް ހުށަހެޅުން އަދި ލަސްވެފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓް އެމަޖިލީހުން ފާސްކުރީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެރޭ ވަރަށް ދަން ވެފައި ވަނިކޮށެވެ.
އެ ރިޕޯޓް ފާސްކުރީ އެރޭގެ ޖަލްސާއަށް ވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ވޯޓު ނުދެއްވެވުނީ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާތީ، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އަށް އެކަންޏެވެ.
އެ ރިޕޯޓުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
ހާއްސަކޮށް ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ކަންތައްތަކާއި، އެ ހަމަލާއާ ބެހޭ ގޮތުން ހިނގައިދިޔަ މުހިއްމު ކަންތައްތައް ފާހަގަކޮށް ހިމަނާފައި ވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މުހައްމަދު މަބްރޫކް އަޒީޒް
މުހައްމަދު މަބްރޫކް އަޒީޒް
މުހައްމަދު މަބްރޫކް އަޒީޒް