ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އައިއީޑީ ހަރުކޮށްފައިވާ ސައިކަލް އެ ސަރަހައްދުގައި ބެހެއްޓީ އެއް ދުވަސް ކުރިން ކަމަށާއި އެ ބޮން ގޮއްވާލުމަށް އެ ސަރަހައްދަށް އަދުހަމް އަހުމަދު ރަޝީދު ގޮސްފައިވަނީ ގަޑިއެއްހާ އިރު ކުރިން ކަމަށް ރިޕޯޓުގައި ބުނެފިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީ ރިޕޯޓު އެކުލަވާލައި، މަޖިލީހުގެ 241 ކޮމިޓީން އިއްޔެ ވަނީ ރިޕޯޓު އާންމުކޮށްފައެވެ. 271 ސޮފްހާއަށްވުރެ ދިގު އެ ރިޕޯޓުގައި ހަމަލާގެ ކުރިން ހިނގައިދިޔަ ކަންކަމާއި ހަމަލާގެ ފަހުން ހިނގައިދިޔަ ހުރިހާ ކަމެއްގެ ތަފްސީލު ވަނީ ހިމަނައިފައެވެ.

ރިޕޯޓުގައިވާ ގޮތުން ހަމަލާދިނުމަށްޓަކައި ގޮއްވާލި އައިއީޑީ ހަރުކޮށްފައި ވަނީ ސައިކަލެއްގައި ކަމަށާއި އެ ސައިކަލު މޭ 5، 2021 ވަނަ ދުވަހުގެ ރޭ 8:01 ގައި ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކްކޮށްފައިވާ ކަމަށެވެ. އެއަށްފަހު، މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ގައި އައިއީޑީ ގޮއްވާލުމާ ހަމައަށް އެ ސައިކަލު އެ ތަނުގައި ޕާކްކޮށްފައި ހުރި ކަމަށް ރިޕޯޓުގައިވެއެވެ.

"މޭ 6، 2021 ވަނަ ދުވަހުގެ ރޭ އައިއީޑީ ގޮއްވާލުމުގެ ގާތްގަނޑަކަށް އެއް ގަޑިއިރު ކުރިން، އެ އައިއީޑީ ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު ރަޝީދު، އެ ސަރަހައްދަށް ގޮސްފައިވޭ. އަދުހަމް ހުއްޓި ހުރީ ނީލޯފަރު ހިނގުން ފެންނަގޮތަށް އަތަމާ ޕެލަސް ގޯޅިތެރޭގައި،" ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެވަޑައިގަންނަވަންދެން، އަދުހަމް ހުރީ އަތަމާ ޕެލަސް ގޯޅީގެ ފާރެއްގައި އެއްފައި ޖައްސައިގެން ލެނގިލައިގެން ކޮއްޅަށް ކަމަށެވެ. އަދި އޭނާ ހުރީ ނީލޯފަރު ހިނގުމާ ދިމާއަށް ބަލަން ކަމަށާއި އެވަގުތު އޭނާގެ ކަނާއަތުގައި ރިމޯޓެއް ފަދަ އެއްޗެއް އޮތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

"އެރޭ 8:25 ގައި، ރައީސް ނަޝީދު ގ. ކެނެރީގެއިން ހިންގަވާފައި ވަޑައިގަންނަވާތަން، އަދުހަމް ބަލަން ހުރި ވަގުތު، އަތަމާ ޕެލަސް ގޯޅި ތެރެއިން އިތުރު ތިން މީހަކު މަޖީދީމަގާ ދިމާއަށް ނުކުތް ތަން ސީސީޓީވީ ފުޓޭޖުން ފެނޭ. އަދި ރައީސް ނަޝީދު ކާރުކޮޅާ އަރައި ހަމަވެވަޑައިގަތުމާއެކު، އަދުހަމް މަޖީދީމަގާ ދިމާއަށް ތަންކޮޅެއް ކުރިއަށް ޖެހިލައި އަތަމާ ޕެލަސް ގޯޅީގައި ހުރި ތަނބަކާ ނިވާވެލުމާއެކު، ނިލޯފަރު ހިނގުމާއި މަޖީދީމަގުގެ ކަންމަތީގައި ހުރި ސައިކަލެއް ގޮވިތަން ފެނޭ،" ރިޕޯޓުގައިވެއެވެ.

އެވަގުތު އަތަމާ ޕެލަސް ގޯޅިން ނުކުތް ތިން މީހުން ސަލާމަތްވާން ކުއްލިއަކަށް އަތަމާ ޕެލަސް ގޯޅިތެރެއަށް ވަންނަ ތަން ފެންނަ ކަމަށާއި ނަމަވެސް އަދުހަމް، އެހެން ހުރިހާ އެންމެންގެ ހަރަކާތާ ތަފާތުކޮށް، ބޭރަށް ނުކުމެ މަޖީދީމަގުން އިރަށް ދުއްވައިގަތް ކަމަށެވެ. އަދި އޭގެ ފަހުން ދިހަވަރަކަށް މިނެޓު މާލޭގެ އެކި މަގުތަކުގައި ދުވެފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ވަނީ ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން، އެއް ފަހަރަށްވުރެ ގިނަފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ، ގ. ކެނެރީގެ ސަރަހައްދު ސާވެއިލް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު އެކި ފަހަރު މަތީން ލިބިފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ. އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތެއް މޭ ތިންވަނަ ދުވަހުގެ ރޭ އާންމުންގެ މީހެއްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތުމުން އެ މައުލޫމާތު ނަޝީދަށާއި މާރިޔާއަށް ވަނީ ހިއްސާކޮށްފައެވެ.

މާރިޔާ އިންކުއަރީގައި ވިދާޅުވީ ރައީސް ނަޝީދު މަރާލަން އުޅޭކަމުގެ މައުލޫމާތު އިލްޔާސް ދެއްވި ކަމަށާއި ނަމަވެސް ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށަކަށްވާތީ ފުލުހުންނާ އެވާހަކަ ހިއްސާކުރަން އެދުނު ކަމަށެވެ.

އިންކުއަރީގައި މާރިޔާ ވިދާޅުވެފައިވަނީ އިލްޔާސް ލަބީބު ދެއްވި މައުލޫމާތު އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާފައިނުވާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްއިން ވެސް ވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރު އެ ވާހަކަ ހިއްސާކުރައްވާފައި ނުވާކަމަށް ވިދާޅުވެފައި ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރަށް ހައި ލެވެލް ޓާގެޓަކަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ޑިސެމްބަރު 22، 2020 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި އެމަނިކުފާނަށް ހަރުކަށި ފިކުރުގެ މީހުން ސާވައިލް ކުރަމުންދާ ކަމުގެ މައުލޫމަތު އެމްއެންޑީއެފުން ހިއްސާ ކޮށްފައިވާ ކަމަށް އިންކުއަރީގައި ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލެއްވި ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިއަހަރުގެ މާޗު 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ދީނީ ހަރުކަށި ފިކުރަށް ތާއިދުކުރާ ކަމަށް ބެލެވޭ ބަޔަކު ނަޝީދަށް ފާރަލަމުން ދިޔަކަން އެމަނިކުފާނުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ފާހަގަކުރެވުނު ކަމަށްވެސް އިންކުއަރީގައި ބުނެފައިވެއެވެ.

ރިޕޯޓުގައިވަނީ ނަޝީދު ދިރިއުޅުއްވި ޔާގޫތުގެ ކައިރީގައި 2020 ވަނަ އަހަރު ބަޔަކު ފާރަލާން ތިބޭކަން ސެކިއުރިޓީންނަށް ފާހަގަވެގެން ފުލުހުންނަށް އެކަން އެންގުމުން އެމީހުން ދުރަށްލާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ނިންމުމާއެކު އެކަން ފާސްކުރަން ވޯޓުދޭ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން އިރު ފުރަތަމަ ޓާގެޓަކަށް އޮތީ ނަޝީދު ކަން ވެސް އެމްއެންޑީއެފަށް ލިބިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.