ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ގޮއްވާލި އައިޑީގެ ތެރޭގައި ނުގޮވާ އެއްޗެއް އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އާންމު ކުރި އިންކުއަރީ ރިޕޯޓުން ހާމަވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލައިފައެވެ. 271 ސޮފްހާއަށްވުރެ ދިގު އެ ރިޕޯޓްގައި ހަމަލާގެ ކުރިން ހިނގައިދިޔަ ކަންކަމާއި ހަމަލާގެ ފަހުން ހިނގައިދިޔަ ހުރިހާ ކަމެއްގެ ތަފްސީލް ވަނީ ހިމަނާފައެވެ.
އެގޮތުން ބޮން ގޮއްވާލި ސަރަހައްދު ފުލުހުން ބަލަމުންދިޔައިރު، ރައީސް ނަޝީދަށް ހާއްސަކޮށްފައިވާ ކާރުކޮޅުގެ ދަށުން ދެ އިންޗި ނުވަތަ ތިން އިންޗިގެ ޕްލާސްޓިކު ގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނު ކަމަށެވެ. އަދި ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފެނިފައިވާ އެއްޗަކީ ގޮއްވާލި އައިއީޑީގެ އެތެރޭގައި ހިމެނޭ އޮބްޖެކްޓެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
ކާރުކޮޅުގެ ދަށުން ފެނުނު އެއްޗަކީ އައިއީޑީގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭތީ ކާރުކޮޅު އިތުރަށް އިންސްޕެކްޓްކޮށްގެން، އެއީ ގޮވުމުގެ ކުރިން ކާރުކޮޅުގެ ދަށުގައި ހަރުކޮށްފައި އިން އެއްޗެއްތޯ ނުވަތަ ގޮވުމުގެ ތެރެއިން ވިއްސައިގެން ގޮސްފައި އޮތް އެއްޗެއްތޯ، ފުލުހުން ބަލާފައިވާ ކަމަށެވެ. އަދި އެއީ ގިނަ ވަގުތުތަކަކަށް ކާރުކޮޅުގައި ހަރުކޮށްފައި އިން އެއްޗެއް ކަމަށް ބެލެވޭނެ އެއްވެސް
ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައި ވަނީ ކާރުކޮޅުގެ ދަށުން ފެނުނު އޮބްޖެކްޓް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއަށް ގެންގޮސް ސަސްޕެކްޓް ކުރެވޭ ކޮމްޕައުންޑުގެ ބައެއް އެމްއެންޑީއެފް އިން ތަހުލީލުކުރުމަށްޓަކައި ގެންދިޔަ ކަމަށާއި އޭގައި ފާހަގަކުރެވޭ ގޮވާ އެއްޗެއް ނެތް ކަމަށް އެމްއެންޑީއެފުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ.
ފުލުހުންގެ އިކިއުފްމެންޓް މެޝިންގެ ކެލިބްރޭޝަންތަކުގެ ތެރެއިން ހަދާފައި ހުރި އެނާލިސިސްގެ މައްޗަށް ބިނާކޮށް، ހައިޑްރޯކާބަންސްގެ އަސަރު އެ އޮބްޖެކްޓުގައި ހުރި ކަމަށް އެފްބީއައި އިން ބުނެފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ހައިޑްރޯ ކާބަންސް ހިމެނޭ ކޮންޕައުންޑްތައް ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރެއެވެ. އަދި ކޮންމެވެސް ވަރަކަށް ބޮންހެދުމަށް ބޭނުންކުރާ ނުވަތަ ކެމިކަލް ކޮމްޕައުންޑުގެ ތެރޭގައި ހުރުން އެކަށީގެންވާ
މާއްދާއެކެވެ.
"ކާރުކޮޅުގެ ދަށުން ފެނިފައިވާ އޮބްޖެކްޓަކީ އޭގައި ގޮވާ އެއްޗެއް ނުވަތަ ގޮވާ އެއްޗެއް ހެދުމަށްޓަކައި ބޭނުންކޮށްފައިވާ ކެމިކަލް ކޮމްޕޯނަންޓެއްގެ މައްޗަށް އޮތް އޮބްޖެކްޓެއް ކަމަށާއި އެއީ އައިއީޑީ ގޮވުމާއެކު ވިއްސައިގެން ގޮސްފައިވާ އެއްޗެއް ކަމަށް ބެލެވޭކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ. އަދި އެއީ އޭގެ ތެރޭގައި އޮތް ޕްރައިމާއެއް ނުވަތަ ޑިޓޮނޭޓާއެއް ނުވަތަ އޭގެ ވަޔާއެއް ބަލިކަށިކަމުގެ ސަބަބުން ވިއްސައިގެން ގޮސް ނުގޮވާ އޮތް އެއްޗެއްކަމަށް ބެލެވޭކަމަށް ވެސް ފުލުހުން މައުލޫމާތުދީފައިވޭ،" ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން އެ އައިއީޑީ ގޮއްވާލުމުގެ ބައިވެރިވި މީހުން ރައީސް ނަޝީދަށް ކުރިންވެސް ފާރަލައި ފޮޓޯ ނަގާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ގެކޮޅު ހުންނަ މަގު، ނީލޯފަރު ހިނގުމުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން ގޮއްވާލި ސައިކަލު އެ މަގުގައި ބަހައްޓާފައިވަނީ ގޮއްވާލުމުގެ އެއް ދުވަސް ކުރިން ކަމަށެވެ. އަދި އޭގެ ފަހުން އެ ސައިކަލް ގޮއްވާލުމާ ހަމައަށްވެސް ހުރީ އެ ސަރަހައްދުގައި ޕާކް ކޮށްފައި ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު ރަޝީދު، އެ ސަރަހައްދަށް ގޮސްފައިވާ އެއް ގަޑިއިރު ކުރިންނެވެ. އޭނާ ހުރީ އަތަމާ ޕެލެސްގެ ތަނބެއް ކައިރީ ކަމަށާއި އަދި ބޮން ގޮއްވާލި ވަގުތު އަތަމާ ޕެލެސްއަށް އެހެން މީހުން ދުވެފައި ވަން އިރު، އަދުހަމް ދުއްވައިގަތީ މަގުމައްޗަށް ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން ހަމަލާ ދީފައިވާ ސަރަޙައްދުން ހެކީގެ ގޮތުގައި ބޭނުންކުރެވޭ 200 އަށްވުރެ ގިނަ ތަކެތި ފުލުހުން ހޯދާފައިވާ ކަމަށާއި އޭގެތެރޭގައި ރޭޒާ ފުއްތަކާއި ގޮވައިގެންދިޔަ ސައިކަލުގެ އެކިއެކި ޕްލާސްޓިކު ކުނޑިތަކާއި ސައިކަލުގެ އެކިއެކި ބައިތަކާއި އެތަނުގައި ފެންނަން ހުރި ލެއާއި އެ ސީންއާ ލިންކުކުރެވޭ ބައެއްގެ ގޮތުގައި ބެލެވޭ ފަރާތްތަކުގެ މައްޗަށް ފުލުހުން ހޯދާފައި ހުރި މާއްދީ ހެކިތައް ހިމެނޭ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު