ޚަބަރު

ފަތުރުވެރިކަމާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތައް ޕްރޮމޯޓްކުރުމަށް ތިން ވެބިނާއެއް ބާއްވައިފި

ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ޕްރޮމޯޓް ކުރުމަށް ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުން ހުސްވި ޖޫން މަހުގެ ތެރޭގައި ތިން ވެބިނާއެއް ބާއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ޖޫން 16 ވަނަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމު ކޮށްގެން ކަމަށެވެ.

"އިންވެސްޓްމަންޓް އިން މޯލްޑިވްސް"ގެ ނަމުގައި އެ ވެބިނާ ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، އެންވާރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން ކަމަށް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އީޔޫގެ ގައުމުތަކަށް ނިސްބަތްވާ އިގުތިސާދީ ދާއިރާގެ 90 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެ ވެބިނާގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ގޮތުންނާއި ކޮވިޑުގެ ސަބަބުން އިގުތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ވެބިނާގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް ކްރިސްޓިއަން ކެޓެލް ތޮމްސެން ވާހަކަދެއްކެވި ކަމަށް ބުންޏެވެ.

އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކަށް އަމާޒު ކޮށްގެން ބޭއްވި ވެބިނާއަށްފަހު ހާރިޖިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ކޮވިޑުގެ ހާލަތަށްފަހު ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫއުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ދެ ވެބިނާއެއް ބާއްވައިފައެވެ.

މީގެ ތެރެއިން ފުރަތަމަ ވެބިނާ ބޭއްވީ ޖޫން 22 ވަނަ ދުވަހު ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ރާއްޖޭގެ އެމްބަސީން އިންތިޒާމު ކޮށްގެންނެވެ. މި ވެބިނާ ބާއްވާފައި ވަނީ ފޮރިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފުޅާކޮށް ހުޅުވާލާ، ޓޫރިޒަމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިން މި ވެބިނަރގައި ޖަޕާނުގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން 23 ފަރާތަކުން ބައިވެރިވިއެވެ. ރާއްޖެއަށް އަންނަ ޖަޕާނު ފަތުރުވެރިންގެ 80 އިންސައްތަ ފަތުރުވެރިން ގެންނަނީ މި އޮޕަރޭޓަރުންނެވެ. ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް މިފަދަ ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ބާއްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފަތުރުވެރިކަމާ ގުޅޭ ދެވަނަ ވެބިނަރ ބާއްވާފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް ސިންގަޕޯރ (ނާޓާސް) ގުޅިގެން، ޖޫން 30 ގައެވެ. ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުމަށް އެގައުމުން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި ސިންގަޕޫރު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ޓްރެވަލް އެޖެންޓުންނަށް މި ވެބިނަރގައި ވަނީ އަރުވާފައެވެ. މި ބައްދަލުވުމުގައިވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގެ ފަރާތން ބައިވެރިވިއެވެ.

ފަތުރުވެރިކަމާ ބެހޭ މި ވެބިނަރތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއާތުގެ ޖަމްއިއްޔާތަކުން ބައިވެރިވެ، މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މަސައްކަތްތައް ރީއޮރިއެންޓް ކުރެވި، ދިވެހިރާއްޖެއަށް ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހީގެ ފުރުސަތު ހޯދުމާ ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޭރު ގައުމުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބާއްވަމުންދާ ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނެއެވެ.