ރިޕޯޓް

ކޮވިޑަށް ފަހު ޖެހޭ މިސްކު، ރާއްޖޭގެ ނުވަ ކުއްޖަކަށް ޖެހިއްޖެ! ކުދީން ސަލާމަތްކުރުމަށް ހާއްސަ އިލްތިމާސެއް

ރިފާ ހަލީލު

ކޮވިޑުގެ ބިރުވެރިކަމުން އަރައިނުގަނެވެނީސް އަނެއްކާވެސް ނުރައްކާތެރި ބައްޔެއްގެ ރަނގަބީލުގެ އަޑު ގަދަވާން ފަށައިފި އެވެ. ކޮވިޑަކީ ވަކި އުމުރެއް ބެލުމެއްނެތި ހުރިހާ އެންމެނަށް ޖެހޭ ބައްޔަކަށް ވީ ނަމަވެސް އެއާ ހިލާފަށް މި ބަލި ޖެހެނީ ހަމަ އެކަނި ކުޑަ ކުދިންނަށެވެ.

އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕަސަން އަހުމަދު ފައިސަލް "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިބަލި މިހާރު ރާއްޖޭގެ ނުވަ ކުދިންނަށް ޖެހިފައިވާ ކަމަށެވެ. މި ބައްޔަކީ ކޮވިޑު ޖެހުމަށްފަހު ޖެހޭ ބައްޔެއް ކަމަށާއި މި ބައްޔަށް ކިޔަނީ "މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް" (މިސްކް) ކަމަށް ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވާ ގޮތުގައި މިބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. ބަލިން ސަލާމަތްވުމަށް ކުރެވެން އޮތްހާވެސް ކަމަކީ ކޮވިޑުން ރައްކާތެރިވުން ކަމަށް ވިދާޅުވި އެވެ. ކޮވިޑް ޖެހި ދެ ހަފުތާ ފަހުން މިސްކް ބަލި ޖެހޭ ކުދިން ގިނަ ކަމަށާއި މި ބަލި މިހާތަނަށް ޖެހިފައިވަނީ އުމުރުން ދެ އަހަރައި 10 އަހަރާ ދެމެދުގެ ކުދީންނަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ނަމަވެސް ހުރިހާ އުމުރެއްގެ ކުޑަ ކުދީންނަށް ވެސް މި ބަލި ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ބަލީގެ ނުރައްކާތެރިކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މި ބައްޔަކީ ހަށިގަނޑުގެ އެއް ނިޒާމަށް ވުރެ ގިނަ ނިޒާމަށް އަސަރު ކުރާ ބައްޔެއް ކަމަށެވެ. އަދި މި ބަލި ޖެހިއްޖެ ނަމަ ދެ ނިޒާމަކަށް މީގެ އަސަރު ކުރާނެ ކަމަށެވެ.

"މި ބަލި ހަށިގަނޑުގެ ދެ ސިސްޓަމަކަށް ޖެހޭނެ. މިސާލަކަށް ކިޑްނީ. ކިޑްނީ އަށް މި ބަލީގެ އަސަރު ކޮށްފިއްޔާ ކިޑްނީ ފެއިލްވެސް ވެދާނެ. ހިތަށް އަސަރު ކޮށްފިއްޔާ ހިތުގެ ބަލިތަކެއް މިޖެހެނީ. މިއީ ހަމަ އެހާވެސް ނުރައްކާތެރި ބައްޔެއް. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގައި ހޮޑުލުން، ބްލަޑް ޕްރެޝާ ދަށް ވުން، ގަދައަށް ހުންއައުން، ގައިގައި ރިއްސުން، އަތްފައި ދުޅަވުން، ހަށިގަނޑުގެ އެކި ތަންތަން ރަތްވުން، ހާއްސަކޮށް ލޮލާއި ދޫ ރަތްވުން، ހަންފޮޅުން، ބިހިނެގުން ހިމެނޭ." އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ނުވަ ކުދިންނަށް މި ބަލި ޖެހިފައިވޭ!

މި ބަލީގައި ފަސް ކުއްޖެއްގެ ހާލު ސީރިއަސް ވެ އައިސީޔޫގައި ފަރުވާދިން ނަމަވެސް މިހާރު އޭގެ ތެރެއިން ހަތަރު ކުއްޖަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. އައިސީޔޫގައި މިހާރު ފަރުވާ ދެމުން އަންނަނީ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ކަމަށާއި އެކުއްޖާގެ ހާލުވެސް މިހާރު މަޑު މަޑުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު ކުދިންގެ ފަރާތުން ފެނުނު އަލާމާތްތަކީ ގަދައަށް ހުން އައުމާއި ހަށިގަނޑުގެ އެކި ތަންތަން ރަތްވެފައި ހުރުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާދެވެން އެބަ އޮތް!

ޑރ. ފައިސަލް ވިދާޅުވީ މިސްކު ބައްޔަށް ފަރުވާދޭއިރު ބަލާނީ މި ބަލި ޖެހިފަ ހުރި ނިޒާމަކަށް ކަމަށެވެ. ފުއްޕާމެއަށް ބަލި ޖެހިފައިވާ ނަމަ އެންމެ ބޮޑަށް ބޭނުންވާނީ އޮކްސިޖަން ކަމަށެވެ. ނަމަވެސް އަދި އިތުރު އަގުބޮޑު ބޭހެއްވެސް މި ބައްޔަށް ބޭނުން ކުރާ ކަމަށާއި މާލެއިން މި ބޭސް ލިބުނު ކަމުގައިވީނަމަވެސް އަތޮޅުތަކުގައި މިބައްޔަށް ބޭނުން ކުރާ ބޭސް ފަހަރުގައި ނުލިބިދާނެ ކަމަށެވެ. އެހެން ކަމުން ހޮސްޕިޓަލް ތަކާއި ގުޅިގެން މި ބައްޔަށް ބޭނުންވާ ބޭސް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މި ބައްޔަށް ފަރުވާ ދޭއިރު އެ ބަލި ޖެހިފަ ހުރި ސިސްޓަމަކަށް ބަލާނީ. މިސާލަކަށް ކިޑްނީ އަށް ޖެހިއްޖެއްޔާ ކިޑްނީ ސަލާމަތް ކުރުމަށް އެ ދޭ ބޭސް ބޭނުން ކުރާނީ. ދެން ފުއްޕާމެއަށް ޖެހިއްޖެއްޔާ އެންމެ ބޮޑަށް ބޭނުންވާނީ އޮކްސިޖަން. މި ބައްޔަށް އިތުރު ބޭސްތަކެއްވެސް ބޭނުން ކުރާނެ. އެކަމަކު އޭގެ ތެރެއިން ބައެއް ބޭސްތައް ވަރަށް އަގު ބޮޑު ވާނެ. ބައެއް ބޭސްތައް އަގުހެޔޮ ވާނެ. މި ބައްޔަށް ބޭނުންވާ ހުރިހާ ބޭހެއް އަތޮޅުތެރެއިން ނުލިބިދާނެ. އެކަމަކު މާލޭގަ ހުރި ބޭހެއް ވިއްޔާ އަތޮޅުތަކަށްވެސް ގެންދެވެން ޖެހޭނެ. އެހެންވީމަ ބޮޑެތި ހޮސްޕިޓަލްތަކާއި ގުޅިގެން މި ބޭސް ހޯދުން ބުއްދިވެރި." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރާ ދެކުނުންވެސް މި ބަލި ފެނިއްޖެ!

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މި ބަލިވެސް މުޅި ރާއްޖެއަށް ފެތުރުމުގެ ބިރު މިހާރު އޮތީ ހީވެފަ އެވެ. ޑރ. ފައިސަލް ވިދާޅުވީ މިހާރުވެސް މި ބަލި މާލޭގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުންވެސް އަދި ދެކުނުންވެސް ފެނިފައިވާ ކަމަށެވެ. އަދި ކޮވިޑު ބަލި ފެތުރެމުންދާ ކޮންމެ ރަށެއްގައިވެސް މި ބަލި ފެތުރިދާނެ ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން ކުޑަކުދިން ކޮވިޑުން ރައްކާތެރިކުރަން ހާއްސަ ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއީ ގައިންގަޔަށް އަރާ ބައްޔެއް ނޫން

ޑރ. ފައިސަލް ވިދާޅުވީ މި ބައްޔަކީ ކޮވިޑާ ހިލާފަށް ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށެވެ. އަދި މި ބަލި ޖެހޭނީވެސް ކޮވިޑު ޖެހިފައި ތިބޭ ކުދިންނަށް އެކަނި ކަމަށާއި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުން މުހިންމު ކަމަށް ވިދާޅުވި އެވެ. މި ބަލީގެ އެންމެ އާންމު އަލާމާތަކީ ތިން ދުވަސް ވަންދެން ގަދަޔަށް ހުން އައުން ކަމަށާއި އެހެން ކަމުން ބަލިން ކުޑަ ކުދިން ރައްކާތެރި ކުރުމަށް ތަކުރާރުކޮށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވި އެވެ. އަދި މިއީ ފުރާނަ އަށް ނުރައްކާވެދާނެ ފަދަ ބައްޔެއް ކަންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް ކުޑަކުދިންނަށް ވެކްސިނެއް އުފައްދާފައެއް ނުވެ އެވެ. މި ބަލިން ރައްކާތެރިވާން އޮތީ ކޮވިޑުންވެސް އެ ކުދިން ރައްކާތެރިކޮށްގެން ކަމަށާއި އެހެން ކަމުން އެކުދިންގެ ބެލެނިވެރީންނާއި އާއިލާ ވެކްސިން ޖަހައި ރައްކާތެރިވުމަށް ޑރ. އިލްތިމާސް ކުރެއްވި އެވެ.