ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ހަށިފާރަވެރިޔާ އިލްހާމް އާދަމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިއްޖެއެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދުގެ ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގެ ކަންމަތީގައި އޮތް ކާރު ކޮޅަށް އަރާވަޑައި ގަންނަވަނިކޮށް، ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިފައި އޮންނަވަނިކޮށް، ނަގައި ކާރަށް އެރުވީ އިލްހާމެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ވިދާޅުވީ، އެ ހަމަލާގައި އިލްހާމްގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާތީ މާދަމާ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށްވެސް އިލްހާމް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ.