ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހަމަލާ ދީފައިވާއިރު، ރައީސް ނަޝީދުގެ ސަލާމާތީ ކަންތައްތަކާބެހޭ ތަހުގީގުތައް ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރު ކަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އިސްތިއުފާ ދެއްވައިފިއެވެ.
އިލިޔާސް ލަބީބު ވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން ރާވަމުން ގެންދާ ކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ލިބިވަޑައިގެންނެވި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ހިއްސާކުރެއްވި ކަމަށް ވެސް އިލްޔާސް ވަނީ ކުރީން ވިދާޅުވެފަ އެވެ.
އިލިޔާސް ލަބީބު ކޮމިޓީން އިސްތިއުފާ ދެވާފައި ވަނިކޮށް އެ މައްސަލައިގައި އޭނާ ވަނީ 241 ކޮމިޓީގެ ތަހުގީގަށް މިއަދު އެ ކޮމިޓީއަށް ހާޒިރު ވެސް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުންވެސް ބުނެފައި ވަނީ އިލިޔާސް ލަބީމު މިއަދު ކޮމިީއަށް ހާޒިރު ކޮށްފައިވާ ކަމަށެވެ.
އިލިޔާސް ލަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ޔަގީންވެސް ކޮށްދެއްވައިފައެވެ.
އެކަން އާންމުކުރައްވައި އިލިޔާސް ލަބީބު ކުރެއްވި ޓުވީޓުގައި މިއަދު ވިދާޅުވެފައި ވަނީ، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސައާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް އޭނާގެ ބަޔާން މިއަދު ދީފައިވާ ކަމަށެވެ. އަދި ހުސްވި ހަފުތާއިން ފެށިގެން އެ ކޮމިޓީގެ މަސައްކަތާ ދުރުވެވަޑައިގެން ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އިލިޔާސް ލަބީބު ފާހަގަ ކުރައްވާފައިވެއވެެ.
އިލިޔާސް އެ ކޮމިޓީގެ މަސައްކަތުން ދުރުވެވަޑައިގަތުމާ ގުޅިގެން، އޭނާގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ އެ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމަނައިފައެވެ.
ކޮމިޓީން އިލިޔާސް ލަބީބާ މިއަދު ސުވާލު ކޮށްފައިވާއިރު، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް އާންމު މީހެއްގެ ފަރާތުން ލިބިވަޑައިގެންފައިވާ މައުލޫމާތާ ގުޅިގެން އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަށް ދެއްވާފައި ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މެއިމަހު ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު އިންޓެލިޖެންސް އިދާރާތަކަށް ލިބިފައި ނުވާ ކަމަަށް ދެކެވުނު ވާހަކަތަކާ ގުޅިގެން، އިލްޔާސް ލަބީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަޖިލިސް ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު، އެ މައުލޫމާތު ވަގުތުން ނަޝީދާ ވެސް ހިއްސާ ކުރެއްވި ކަމަށެވެ.
އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ދެއްވާފައިވާ ކަމަށާއި، މިނިސްޓަރު މާރިޔާއަށް ގުޅުއްވައި، އެކަމާ ބެހޭ ތަފުސީލު ދެއްވީ ރައީސް ނަޝީދުގެ އިރުޝާދާ އެކު ކަމަށް ވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މާރިޔާ ވެސް ވަނީ އެ ހަމަލާއެއްގެ މައުލޫމާތު އިލްޔާސް ލަބީބު އެންގެވި ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކުރަން އިލްޔާސް އަށް ލަފާ ދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އިލިޔާސް އެކަން ދޮގު ކުރައްވާފައިވާތީ، ދެ ބޭފުޅުންގެ ވާހަކަފުޅުގައި ދިމާ ނުވާ ކަނއްތަތައްތަކެއް ހުރުމުގެ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އެ މައްސަލައިގައި މިނިސްޓަރު މާރިޔާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.
އިލިޔާސް ލަބީބު މިއަދު އެ ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި، އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެ ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ބޭނުންވާ ވަރަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެން ކަމުން އެ އިންކުއަރިއާ ބެހޭ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ