ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ކަނޑުމަތީގައި ހިންގި ތަފާތު އޮޕަރޭޝަންތަކެއްގައި ސަލާމަތީ ބާރުތަކުގެ ހަތަރު އޮފިސަރަކު ނިޔާވި ހާދިސާތަކާ ގުޅިގެން، ސިފައިންނާއި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ.
އެކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، ސަލާމަތީ ބާރުތަކުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ކަންބޮޑުވާ ކަމަށެވެ.
ކުޑޫ ފާހަގަކުރެއްވި ހާދިސާތަކުގެ ތެރޭގައި، މިދިޔަ މެއި މަހު އިޓަލީގެ ޑައިވަރުން ހޯދުމުގެ ތެރޭގައި ސާޖަންޓް މަހުދީ ނިޔާވި ހާދިސާއާއި، ޖޫން 11 ގައި ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސާޖަންޓް އަހުމަދު އާސިފް ނިޔާވި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، މި މަހުގެ ހަވަނަ ދުވަހު ގއ. އަތޮޅު ކައިރީގައި ދޯންޏެއް އަޑިއަށް ދަނިކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި ފުލުހުންގެ އޮފިސަރު އަހުމަދު ނާފިއު ކަނޑަށް ގެއްލުނު ހާދިސާވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކުޑޫ ވިދާޅުވީ، ކައިރިކައިރީގައި އެފަދަ ހާދިސާތައް ހިނގަމުންދާއިރު، އެއްވެސް އިންކުއަރީއެއް ނުވަތަ ތަހުގީގެއް ހިންގައި ހާދިސާ ހިނގި ސަބަބުތައް ދެނެގަނެ، އިހުމާލެއް އޮތްތޯ ބަލާފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، މިކަންކަން ސާފުކުރުމަށް 12 ކަމެއްގެ މައްޗަށް ބިނާކޮށް މައުލޫމާތު ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ.
އޭގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކަކީ:
- މި ހާދިސާތަކުގެ ރަސްމީ ތަހުގީގެއް ހިންގާފައިވޭތޯ އާއި، ނަތީޖާއަކީ ކޮބައިތޯ؟
- އޮޕަރޭޝަންތަކުގައި އޮފިސަރުންގެ ސަލާމަތީ މިންގަނޑުތައް ހުރީ ކިހިނެއްތޯ؟
- މެރިޓައިމް އޮޕަރޭޝަންތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަމްރީނު އޮފިސަރުންނަށް ލިބިފައިވޭތޯ؟
- ނުރައްކާތެރި އޮޕަރޭޝަންތަކަށް ނުކުންނައިރު ރިސްކް އެސެސްމަންޓް ހަދާ އުސޫލަކީ ކޮބައިތޯ؟
- ނިޔާވި އޮފިސަރުންގެ އާއިލާތަކަށް ގާނޫނީ އިނާޔަތްތަކާއި މާލީ ބަދަލު ދިނުމަށް ނިންމާފައިވޭތޯ؟
މީގެ އިތުރުން، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި އަމަލުކުރާނެ ވަކި ޕްރޮޓޮކޯލެއް ނުވަތަ ޑޮކްޓްރިންއެއް އޮތްތޯ ސާފުކުރުމަށްވެސް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.
މުހައްމަދު އިޝާން
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
ކޮމެންޓް