ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ބަނދަރުކޮށްފައި އޮއްވައި ނަގިލި ކަނޑައިގެން ގޮސް ސިނަމާލެ ބްރިޖަށް އެރި ދެ ބޯޓުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މެންބަރު ފާހަގަކުރައްވާފައިވާ ގޮތުގައި، މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ހުއްދައަކާ ނުލައެވެ. އަދި މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު ބަނދަރުކޮށްފައި އޮތްއިރު، ކަމާބެހޭ ފަރާތްތަކަށް މި އުޅަނދުތައް ފާހަގަކުރެވިފައިވަނީ މެއި މަހުގެ ތިންވަނަ ދުވަހުއެވެ. އޭގެ ފަހުން، ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަގިލި ކަނޑައިގެން ގޮސް އޮޔާގޮސް މި އުޅަނދުތައް ވަނީ ސިނަމާލެ ބްރިޖަށް އަރައިފައެވެ.
މި ހާދިސާއަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަކަށްވާތީ، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް ކަންކަން ސާފުކުރުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، މިފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވާން ދިމާވި ސަބަބުތަކާއި، މިކަމުގައި އިހުމާލުވި ފަރާތްތަކަކީ ކޮބައިކަން ސާފުކުރުމަށް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން، މި ދެ ބޯޓުގައި ތިބި ފަޅުވެރިން ހާލުގައި ޖެހިފައިވާތާ ފަސް މަސްދުވަސް ވެފައިވާ އިރު، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާ ސަބަބު ސާފުކުރުމަށްވެސް ސިޓީގައި އެދިފައިވެއެވެ.
މާލޭގެ ބަނދަރު ސަރަހައްދުގައި މި އުޅަނދުތައް އަޅާފައި އޮތް މުއްދަތުގައި، އުޅަނދުތަކުގެ ސަލާމަތީ އަދި ފަންނީ ހާލަތު ވަޒަންކުރުމަށް ކަމާގުޅޭ އިދާރާތަކުން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ސާފުކުރުމަށްވެސް ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ. ހަމައެއާއެކު، ބްރިޖަށް ގެއްލުންވުމުގެ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ އިރު، ސިނަމާލެ ބްރިޖަކީ އެކަށީގެންވާ ގޮތެއްގައި އިންޝުއާ ކުރެވިފައިވާ ތަނެއްތޯއާއި، މި ހާދިސާގެ ބަދަލު ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރު ސާފުކުރުމަށްވެސް އެދިފައިވެއެވެ. މެންބަރު ފާހަގަކުރެއްވި ގޮތުގައި މިއީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މައްސަލަތަކާއި ބާގަނޑުތައް ހުރިކަން ހާމަވާ ކަމެކެވެ.
މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖުގައި ޖެހުނު ތެޔޮ އުފުލާ ބޭރުގެ ދެ ބޯޓު އިއްޔެ އަޑިއަށް ދިޔަ އިރު، އެ ބޯޓުތަކުގައި ނުވަ ފަޅުވެރިން ތިއްބެވެ. ބޯޓުތައް އަޑިއަށް ގޮސްފައިވަނީ ދިޔަވުމުގެ ސަބަބުން، މާލެ އަތޮޅުގެ އިރުމަތީ ފަރާތުން ރާއްޖޭގެ ސަރަހައްދީ އިމުން ބޭރަށް، ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރުންނެވެ.
އެ ހާދިސާގައި އަޑިއަށް ދިޔައީ ރަސްމީ އައިއެމްއޯ ނަންބަރެއް ނެތް "އޭއެލް 1" އަދި ޓޯގޯގެ ރަޖިސްޓްރީއެއް އޮތް "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ދެ ބޯޓެވެ. ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު އޮތް އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު ބަނދަރުކޮށްފައި އޮއްވައި އެ ދެ އުޅަނދު އޮޔާދާން މެދުވެރިވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:00 ހާއިރު މާލެ ސަރަހައްދަށް އައި ގަދަ ކޮޅިގަނޑެއްގައެވެ. އޮޔާދިޔަ މަގުމަތީގައި ބޯޓުތައް ފުރަތަމަ ކާނިވާ ސަރަހައްދުގެ ފަރުމައްޗަށް އުރުނު ނަމަވެސް، ފަހުން އޮޔާއެކު ގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ވަނީ ޖެހިފައެވެ.
އެ ހާދިސާގައި ބްރިޖުގެ ތަނބުގައި ޖެހިފައިވަނީ ބޯޓުގައި ހުރި ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ބޯޓުތައް މާލޭގެ ދެކުނު ފަރާތަށް އޮޔާ ދިޔަ އިރު، ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ބްރިޖުގައި ކޫރުންތަކެއް ވަނީ އެޅިފައެވެ.
241 ކޮމެޓީ
241 ކޮމެޓީ
ކޮމެންޓް