ޖިންސީ ކުށުގެ ތުހުމަތު ތަކެއް ކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ޕޮލިހުގައި އެދިއްޖެ އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު 'ވަން' އަށް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދެއްވުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ފުލުހުން އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން އެގޮތަށް އެދުނީ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ މުއްދަތު ހަމަވެފައިވާތީ އާއި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ، ޝަރީއަތް ހިންގަން އޮތް ގޮތަކީ ރާއްޖެ ގެނައުން ކަމަށް ދެކޭތީ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. އަދި އޭނާ ޝަރީއަތުގައި ބައިވެރި ވާނީ އެގަމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.
އަލީ ވަހީދު މީގެ ކުރިން ވަނީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ޝަރީއަތުގައި އެދިފައެވެ. އެގޮތަށް އެދިފައިވަނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން ނިމިފައި ނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ވެސް ހުށަހަޅައިފައެވެ.
އަލީ ވަހީދު މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ ދައުވާ ލިބޭ މީހަކު ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑެެތި ގޮންޖެހުންތަކެއް ހުންނާނޭ ކަމެއް ކަމަށެވެ. އަދި އެއީ ޝަރީއަތް ކުރުމުގެ ނިޒާމާ އެއްކޮށް ހިނގާނެ ކަމެއް ކަމުން، އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ނިޒާމެއްވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައި ވަނިކޮށް އަލީ ވަހީދު ބޭސްފަރުވާއަށް ފުރައިވަޑައިގެންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ވަނީ މި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު