ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނޫސްވެރިންތަކަކަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް މިއަދު ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންތަކެއް ދުބާއީއަށް ގެންގޮސްފައިވާތީ، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އެ ނޫސްވެރިންނަށް ނިސްބަތްކޮށް ފުރައްސާރަކުރަމުންދާ ކަމަށެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެ ނޫސްވެރިންގެ ފޮޓޯ ޖަހައި، ޔަހޫދީންގެ ގޮތުގައި ސިފަކޮށް އަދި އެއީ ގައްދާރުން ކަމަށް ބުނެ އެކި ބަސްތައް ދަނީ ރައްދުކުރަމުންނެވެ. މީގެ އިތުރުން އެ ނޫސްވެރިންނަށް އަމާޒުކޮށް އެކި ވީޑިއޯތައް ތައްޔާރުކޮށް، ނޫސްވެރިންނާ ދެކޮޅު ކެމްޕޭންތައް ހިންގަމުންދާ ކަމަށާއި، ދުބާއީގައި ހަބަރުތައް ގެނެސްދޭ ގޮތުން ވެސް ބައެއް ފަރާތްތަކުން ފުރައްސާރަތައް ކުރިމަތިކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ނޫސްވެރިޔަކު މަސައްކަތްކުރާ މީޑިއާއެއްގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަމުންދާ އިރު، މިފަދަ ފުރައްސާރަތައް ކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އަދި މިކަންކަމުގެ ސަބަބުން އެ ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ނުރައްކާތަކަކާ ކުރިމަތިވަމުންދާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، މި ދަތުރުގެ ކުރިން ވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަތައް ގިނަކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ފުލުހުންގެ އިދާރާއަށް ފޮނުވި މި ސިޓީގައި އެދިފައިވަނީ، ޔޫއޭއީގެ މި ދަތުރާ ގުޅިގެން ނޫސްވެރިންނަށް ކުރިމަތިކުރުވާ ފުރައްސާރައިގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށާއި، އެ ނޫސްވެރިންގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައި ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށެވެ. އެ ނޫސްވެރިންނަށް ފުރައްސާރަކޮށް ރައްދުކޮށްފައިވާ ބަސްތައް ހިމެނޭ ބައެއް ސްކްރީންޝޮޓްތައް ވެސް އެ ސިޓީއާއެކު އެ ޖަމިއްޔާއިން ވަނީ ހިމަނައިފައެވެ.