ދިރާގުން އެ ކުންފުނީގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެލީޓްކްލަބް+ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފުކޮށްފިއެވެ.

މި ޕްރޮގްރާމްގެ ދަށުން 100 އަށްވުރެ ގިނަ އައުޓްލެޓުން ކަސްޓަމަރުންނަށް އެކި ފައިދާތަކާއި ޑިސްކައުންޓްތައް ލިބޭނެއެވެ. މި ޕްރޮގްރާމް ތައާރަފުކޮށްފައިވަނީ ދިރާގު ހެޑްއޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި، މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާގުން ބަހައްޓާފައިވާ ދޮރުތަކުގެ ހަގީގަތް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ދިރާގުން ބުނި ގޮތުގައި، އެ ދޮރުތަކަކީ އެލީޓްކްލަބް+ މެދުވެރިކޮށް އެ ކުންފުނީގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް ލިބޭނެ ފުރުސަތުތަކާއި ފައިދާތަކުގެ ރަމްޒެކެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، "ދިރާގު އެލީޓްކްލަބަކީ ކުރިން ވަކި ޝަރުތުތަކެއް ހަމަވާ ކަސްޓަމަރުންނަށް ހާއްސަ ދައުވަތަކާއެކު ދެމުން އައި ހިދުމަތެއް" ކަމަށެވެ. ނަމަވެސް އަލަށް ތައާރަފުކުރި އެލީޓްކްލަބް+ އާއެކު ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް މިހާރު އެ ހިދުމަތަށް ދޮރު ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުންފުނީގެ މަގުސަދަކީ މި ޕްރޮގްރާމް މެދުވެރިކޮށް ޕާޓްނަރުންނާ ގުޅިގެން، ދިރާގުގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް އެ ކުންފުނީގެ ކަސްޓަމަރަކަށް ވީތީ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި އުފާވެރިކަން ހޯދައިދިނުން ކަމަށް މިރްޝާން ފާހަގަކުރެއްވިއެވެ.

އެލީޓްކްލަބް+ ޕްރޮގްރާމްގެ ދަށުން ރީލޯޑްކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި، އެޑް-އޯން ފަދަ ހިދުމަތްތައް ނެގުމުން ކަސްޓަމަރުންނަށް ޕޮއިންޓް ލިބޭނެއެވެ. މި ޕޮއިންޓް ސިސްޓަމްގެ މައްޗަށް ބިނާކޮށް ބްރޮންޒް، ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނޭހެން ހަތަރު ޓިއާއެއްގެ ދަށުން މެންބަޝިޕް ކާޑު ލިބޭ އިރު، ޓިއާ މަތިވާ ވަރަކަށް ލިބޭ ޑިސްކައުންޓްތަކާއި ފައިދާތައް އިތުރުވާނެއެވެ. މީގެ އިތުރުން، ޖަމާވާ ޕޮއިންޓްތައް ބޭނުންކޮށްގެން އިތުރު ޑޭޓާއާއި، ބިލް ޑިސްކައުންޓާއި، ގިފްޓް ކާޑުގެ އިތުރުން އެލީޓްކްލަބް+ ޕާޓްނަރުންގެ ފަރާތުން ރިވޯޑުތައް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގު އެލީޓްކްލަބްގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި ކަސްޓަމަރުން އޮޓޮމެޓިކުން އެލީޓްކްލަބް+ އަށް ބަދަލުވާނެއެވެ. އަދި އެހެން މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ އެލީޓްކްލަބް+ ބެނާ މެދުވެރިކޮށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްލެޓްފޯމަށް މަރުހަބާ ކިޔުމުގެ ގޮތުން، އެލީޓްކްލަބް+ ގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ދިރާގުން 100 ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.