ދެ ލޯންޗެއް ޖެހި ހިނގި ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިރޭ މި އެކްސިޑެންޓު ހިނގާފައިވަނީ ކ. ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗެއް ޖެހިގެންނެވެ.

ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މިރޭ "ވަން" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެ އެންމެންނަށް ވެސް ސީރިއަސް އަނިޔާތައް ވެފައިވާ ކަމަށެވެ.

ބައެއް މީހުންގެ ފަޔާއި އަތާއި ބޮލަށް އަދި މައިކައްޓަށް އަނިޔާތަކެއް ވެފައިވާ ކަމަށާއި އެމީހުންނަށް އިތުރު ފަރުވާދިނުމަށް މާލެ ގެންދިއުމަށް މިހާރު ތިބީ ފުލުހުންގެ ލޯންޗެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.