މިރެއަކީ ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށްދާނެ ރެއެވެ. ގްރޫޕް އީ އާއި އެފްގެ ފަހު މެޗުތައް މިރޭ އޮންނަ އިރު، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ މަރުގެ ގްރޫޕުގެ ނަތީޖާތަކަށް ކަން ޔަގީނެވެ. މަރުގެ ގްރޫޕަކީ ގްރޫޕް އެފްއެވެ. މަރުގެ ގްރޫޕުގައި އޮތް ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް ގަދަ 16 ޔަގީންވި ނަމަވެސް ދެން އޮތް ވަރުގަދަ ޓީމުތަކަށްވެސް މި ޖެހުނީ މިރޭގެ ފަހު ދެމެޗަށް އިންތިޒާރު ކުރާށެވެ. މަރުގެ މެޗުތަކަކަށް މިރޭގެ މެޗުތައް ވާނެކަން ޔަގީނެވެ.

އެ ގްރޫޕުގެ ފޯރީގައި ޖެހި ގްރޫޕް އީއަށް ނަޒަރު ނުހިންގައި ތިބެންވީ ސަބަބެއްވެސް ނެތެވެ. ޔޫރޯގެ ލެޖެންޑަރީ ނަމެއް ކަމަށްވާ ސްޕެއިންއަށް ވާނެ ގޮތެއް ބަލާނެ މީހުންވެސް ވަކި މަދެއް ނުވާނެއެވެ. ސްޕެއިންއަށް ގަދަ 16އަށް އޮތް މަގެއްވެސް ބަލައިލުން އެއީ މުހިއްމު ކަމެކެވެ. ގްރޫޕް އީ އާއި އެފްގެ ނަތީޖާތަކަށް ބިނާކޮށް، ގަދަ 16ގެ ފުރުސަތު އޮތް، ނެތް ގޮތް ބަލައިލަމާ ހިނގާށެވެ.

  • ގްރޫޕް އީ
  • ސްވިޑެންއަށް އޮތީ ގަދަ 16 ޔަގީންވެފައި. އެޓީމުން މިރޭގެ މެޗުގައި ޕޮލެންޑް ބަލިކޮށްފިނަމަ ގްރޫޕުގެ އެއްވަނަ ޔަގީންވާނެ. ސްވިޑެން ބަލިވެގެންވެސް އެންމެ ދަށަށް ދާން އޮތީ ތިންވަނައަށް. މިހާރުވެސް ހަތަރު ޕޮއިންޓާއެކު އޮތުމުން އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ސްވިޑެން ހިމެނޭނެ.
  • ސްލޮވޭކިއާއަށް ގަދަ 16 އަށް ބޭނުން ވަނީ ޕޮއިންޓެއް. ސްލޮވޭކިއާ މޮޅުވެ، ސްވިޑެން ބަލިވެއްޖެނަމަ ސްލޮވޭކިއާއަށް ގްރޫޕް އެއްވަނަ ލިބޭނެ.
  • ސްޕެއިންއިން ސްލޮވޭކިއާ ބަލިކޮށްފިނަމަ ގަދަ 16 ޔަގީންވާނެ. އެއްވަރުވެއްޖެ ނަމަ ސްޕެއިންއަށް ގަދަ 16 އަށް ދެވޭނީ ޕޮލެންޑަށް ސްވިޑެން ބަލިނުކުރެވިއްޖެނަމަ.
  • ޕޮލެންޑަށް އޮތީ މޮޅެއް ހޯދުން. އޭރުން ގަދަ 16 ޔަގީންވާނެ.
  • ގްރޫޕްގެ އެތުރުން މެޗުތަކުގައި ޖަހާ ގޯލުގެ އަދަދުން ބަދަލުވާނެ، އެއީ ޕޮއިންޓް ހަމަހަމަވެ ފައިދާ ގޯލަށް ނަތީޖާ ބަރޯސާވުން ބޮޑުވާނެތީ
  • ގްރޫޕް އެފް
  • ފްރާންސަށް އޮތީ ގަދަ 16 ޔަގީންވެފައި. މޮޅަކާއެކު ގްރޫޕް އެއްވަނަ ޔަގީން ކުރެވޭނެ. ފްރާންސް އެއްވަރުވެ، ޖަރުމަނަށް ހަންގޭރީ ބަލިނުކުރެވިއްޖެނަމަ ގްރޫޕްގެ ދެވަނަ މަގާމު ނިމޭނީ ފައިދާ ގޯލުގެ ތަފާތަށް ބަލައިގެން.
  • ޖަރުމަނު ބަލިނުވެއްޖެ ނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ. ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕް އެއްވަނަވެސް ލިބޭނެ. ފްރާންސް ބަލިވިނަމަވެސް، ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ތިންވަނަ.
  • ޕޯޗުގަލް ބަލިނުވެއްޖެނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ. ފްރާންސް ބަލިކޮށްފިނަމަ ޕޯޗުގަލަށް ގްރޫޕުގެ އެއްވަނަ ލިބޭނެ.
  • ޖަރުމަނު ހަންގޭރީ އަތުން ބަލިވެ، ޕޯޗުގަލްވެސް ފްރާންސް އަތުން ބަލިވެއްޖެނަމަ ޕޯޗުގަލަށް ލިބޭނީ ހަތަރުވަނަ.
  • މޮޅަކާއެކު ހަންގޭރީއަށް ގަދަ 16 ޔަގީން ކުރެވޭނެ. ޖަރުމަނު ކައިރިން ހަންގޭރީ މޮޅުވެ، ފްރާންސް ޕޯޗުގަލް އަތުން ބަލިވެއްޖެނަމަ ދެވަނަ ކަނޑައެޅޭނީ ފައިދާ ގޯލުގެ ތަފާތުން.
  • ހަންގޭރީ މޮޅުވިނަމަވެސް، ޕޯޗުގަލްއާއި ފްރާންސް މެޗު އެއްވަރު ވެއްޖެނަމަ އެޓީމަށް ލިބޭނީ ތިންވަނަ. އަދި ގަދަ 16 ޔަގީނެއް ނުވާނެ.

މިރޭގެ މެޗުތައް ފޯރިގަދަވާނެ ސަބަބުތައް ބައިވަރެވެ. ފުރުސަތުތައް ހުރި ގޮތުން ޔޫރޯގެ އެންމެ ފޯރިގަދަ ރެއަށް މިރޭވުން ގާތެވެ.