ޔޫއެފާ ޔޫރޯ 2028، އިނގިރޭސި ވިލާތާއި އަޔަލޭންޑްގައި ބާއްވަން ނިންމައި އެކަން އިއުލާން ކުރަން ތައްޔާރުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ހަތަރު ގައުމުގެ އިތުރުން އަޔަލޭންޑް އެކުވެ ކޮށްފައިވާ ފަސް ގައުމުގެ ބިޑަށް ވާދަކުރާނެ އިތުރު ބިޑެއް މި ވަގުތަކު ނެތެވެ. ކުރިން ތުރުކީން ޔޫރޯ ބާއްވަން ބިޑް ކުރި ނަމަވެސް، އެ ގައުމުން މިހާރު ނިންމާފައިވަނީ 2032ގެ ޔޫރޯ ހޯސްޓް ކުރުމަށް އިޓަލީ އާއެކު ބިޑް ކުރުމަށެވެ. އެ ދެ ގައުމުގެ އިތުރުން ދެން އެހެން ގައުމަކުން 2032ގެ ޔޫރޯ ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.
ދެ ބިޑަކީވެސް އިތުރު ވާދަވެރިކަމެއް ނެތި އޮތް ދެ ބިޑް ނަމަވެސް، ޔޫއެފާއިން ދެ ބިޑަށްވެސް ރަސްމީކޮށް އެޕްރޫވަލް ދޭންޖެހެއެވެ. ބެލެވޭ ގޮތުގައި ސްވިޒަލޭންޑްގައި މި ހަފުތާ ތެރޭގައި ބާއްވާ ޔޫއެފާ ބައްދަލުވުމުގައި ދެ ބިޑަށްވެސް އެއްބަސްވެ، އާބަސް ބުނާނެއެވެ.
ޔޫއެފާ ޔޫރޯ 2028ގެ މުބާރާތް ހޯސްޓް ކުރަން ހަމަޖެހިފައިވަނީ 10 ދަނޑެއްގައެވެ. އެއީ ސްކޮޓްލޭންޑްގެ ގްލަސްގޯގެ ހެމްޕްޑެން ޕާކާއި ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކް، ބާމިންހަމްގެ ވިލާ ޕާކް، ކާޑިފްގެ ޕްރިސިޕާލިޓީ ސްޓޭޑިއަމް، އަޔަލޭންޑްގެ ޑަބްލިން އަވީވާ ސްޓޭޑިއަމް އަދި ލަންޑަންގެ ވެމްބްލީ އަދި ޓޮޓެންހަމް ސްޓޭޑިއަމްގެ އިތުރުން ބެލްފާސްޓް ކޭސްމެންޓް ޕާކާއި މެންޗެސްޓާ ސިޓީގެ އެތިހާދު ސްޓޭޑިއަމް، އެވަޓަންގެ ބްރަމްލޭ-މޫރް ޑޮކް ސްޓޭޑިއަމެވެ. މޫރް ޑޮކް ސްޓޭޑިއަމަކީ މިހާރު އަލުން އާބާތުރަ ފިލުވަމުންދާ ސްޓޭޑިއަމެކެވެ.
ކުރިއަށް އޮތް ޔޫރޯގެވެސް ފައިނަލް މެޗު ހޯސްޓް ކުރަން ހަމަޖައްސާފައި ވަނީ 90،000 މީހުންގެ ކެޕޭސިޓީގެ ވެމްބްލީގައެވެ. ޔޫރޯ 2020ގެ ފައިނަލްވެސް ވެމްބްލީގައި ކުޅެފައިވާ އިރު، ފައިނަލް މެޗުގެ ކުރިން ގިނަ މައްސަލަތަކެއް ކުރިމަތިވިކަން ފާހަގަވެގެން ގޮސްފައިވެއެވެ. އެގޮތުން އިނގިރޭސި ސަޕޯޓަރުން ޓިކެޓު ނެތި ދަނޑަށް ވަންނަން މަސައްކަތް ކުރި ކަމަށް ހަބަރުތައް ބުނެއެވެ.
ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް
ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް
ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް