ޔޫއެފާ ޔޫރޯ 2024 ގައި މިރޭ ބެލްޖިއަމާއި ސްލޮވާކިއާ ވާދަކުރި މެޗުން ސްލޮވާކިއާ މޮޅުވެއްޖެއެވެ.

ފްރޭންކްފާޓް ދަނޑުގައި ކުޅުނު މެޗުން ސްލޮވާކިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިހާތަނަށް ޔޫރޯ 2024 ގައި ނުކުތް އެންމެ ސަޕްރައިޒިން ނަތީޖާއެވެ.

ބެލްޖިއަމަކީ މިރޭގެ މެޗަށް ނުކުތްއިރުވެސް ފެވަރިޓުންނެވެ. އެޓީމުން މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާތަކެއް ބޮޑެތި މުބާރާތްތަކުގައި ނެރުނެވެ. އެހެންނަމަވެސް އެ ރަން ޖީލަށް އަދި ތަށްޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމަށްވުމުން، މިފަހަރުގެ ޔޫރޯ އޮތީވެސް އެޓީމަށް މުހިއްމު މުބާރާތަކަށްވެފައެވެ. ބެލްޖިއަމުން ނުކުތީ އެ ތަފާތު ދެއްކުމަށް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް، އެ ބޭނުންވި ފެށުމަކުން ބެލްޖިއަމްއަކަށް ނުފެށުނެވެ. އެޓީމުން މިރޭ ސްލޮވާކިއާ އަތްދަށުވީ އެތައް ފުރުސަތެއް ގެއްލިގެންނެވެ.

މެޗު ފެށިގެން ބެލްޖިއަމް ދެންމެ ދެންމެ ލީޑު ނަގާފާނެހެން ހީވިއެވެ. ޖެރެމީ ޑޮކޫ ތިން ކުޅުންތެރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ، ކެވިން ޑި ބްރޭނާ ޖައްސާލުމުން ލިބުނީ ރޮމެލޫ ލުކާކޫއަށެވެ. ލުކާކޫ ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު މާޓިން ޑުބްރާވްކާ ގައިގައި ޖެހިފައެވެ.

އޭގެފަހުންވެސް ލުކާކޫ އަތުން ފުރުސަތެއް ބޭކާރުވި އިރު، ހަތްވަނަ މިނެޓުގައި ސްލޮވޭކިއާއިން ވަނީ ލީޑު ނަގައިފައެވެ. ބެލްޖިއަމްގެ ފަހަތުން ހެދުނު ގޯހެއްގެ ބޭނުންހިފައި، ޖުރާކް ކުޗްކާ ޖެހި ބޯޅަ ބެލްޖިއަމްގެ ގޯލްކީޕަރު ކޮއެން ކަސްޓީލްސް މަތަކުރި ނަމަވެސް، އަރިމައްޗަށް ދިޔަ ރީބައުންސް ބޯޅައިގައި އިވާން ޝަރާންޒް ފޮނުވާލި ބޯޅަ ވަނީ ތިރިތިރީން ގޯލަށް ވައްދާލައިފައެވެ.

އޭގެފަހުންވެސް ނުރައްކާ ކުރީ ހަމަ ބެލްޖިއަމުންނެވެ. އެޓީމުން ގޯލެއް ޖެހުމަށް މެޗުގެ ބާކީ ބައިގައި ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. ފުރަތަމަ ހާފުގައި ސްލޮވާކިއާގެ ގޯލްކީޕަރު ޑުބްރާވްކާއަށް ހެދުނު ގޯހަކުން އޭރިއާ ބޭރުން ލެއާންޑްރޯ ޓްރޮސާޑަށް ލިބުނު ބޯޅަ އޭނާ ދުރުން ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ މަތިން ބޭރަށެވެ. އަދި އޭގެފަހުން ލުކާކޫއަށް ހުސްކޮށް ލިބުނު ބޯޅައިގައިވެސް އޭނާއަށް ރަނގަޅަށް ނިންމައެއް ނުލެވުނެވެ.

ބެލްޖިއަމްގެ އެ ހަމަލާތައް އިތުރުވަމުން ގޮސްވެސް، ފުރަތަމަ ހާފުގައި ސްލޮވޭނިއާއިން ވަނީ ދެވަނަ ގޯލެއް ޖެހުމާވެސް ގާތަށް ޖެހިލައިފައެވެ. އޭރިއާ ތެރެއަށް ހުރަސްވެގެން އައި ބޯޅަ ވައިގެ ތެރޭގައި އޮއްވާ ލޫކަސް ހަރެސްލިން ފޮނުވާލި ވޮލީ މަތަކުރީ ބެލްޖިއަމްގެ ކީޕަރު ކަސްޓީލްސްއެވެ.

ދެވަނަ ހާފުގައިވެސް ހަމަލާތައް ގިނަކޮށް ފެނުނީ ބެލްޖިއަމްއެވެ. ހާއްސަކޮށް ލުކާކޫއަށް ހުސް ފުރުސަތުތަކެއް ލިިބި ބޭކާރުވެގެން ދިޔައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޓްރޮސާޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ލުކާކޫ ފޮނުވާލި ހަމަލާ، ސްލޮވާކިއާ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓްފަހުން ލުކާކޫ ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، އޮފްސައިޑް ސިސްޓަމަށް ބަރޯސާވެ، ރެފްރީ ނިންމީ ލުކާކޫ އޮފްސައިޑް މަގާމުގައި އޮތް ކަމަށެވެ.

ދެންވެސް ފެނުނީ ބެލްޖިއަމުން ގޯލަކާ ގާތަށް ޖެހިލިތަނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓްރޮސާޑް ފޮނުވާލި ބާރު ހަމަލާ، ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ހުޝިޔާރުކަމާއެކު މަތަކޮށްފައިވާ އިރު، ކޯނަރެއްގެ ތެރެއިން ޔަނެކް ކަރަސްކޯއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ.

އޭގެފަހުންވެސް ލުކާކޫ ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އެވެސް ގޯލަކަށް ނުވިއެވެ. އިކޯމާ ލޮއިސް އޮޕެންޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ލުކާކޫ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. ރެފްރީ އެ ނިންމުން ނިންމާފައިވަނީ ބޯޅަ ހޯދުމުގެ ތެރޭގައި އޮޕެންޑާގެ އަތުގައި ބޯޅަ ޖެހިފައިވުމުންނެވެ.

އެތައް ހަމަލާއެއް ބޭކާރުވެގެން ގޮސް މިރޭގެ މެޗުން ބެލްޖިއަމް ބަލިވެފައިވާ އިރު، މިއީ ސްލޮވާކިއާގެ ތާރީހުގައިވެސް އެޓީމުން ބެލްޖިއަމް ކައިރިން ހޯދި ފުރަތަމަ މޮޅެވެ.