ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ފަހުވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުން ނުވާ ކަމަށާއި އޭގެ ދެ އަހަރު ފަހުން އޮންނަ ޔޫރޯ 2024 ގައިވެސް ޕޯޗުގަލް ތަމްސީލުކުރަން ބޭނުންވާ ކަމަށް އެގައުމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޕޯޗުގަލްއަށް 189 މެޗުގައި 117 ގޯލު ޖަހައިދީފައިވާ ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ މިފަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ނުކުންނަން ތައްޔާރުވާ އިރު، އެ މުބާރާތް ވެގެންދާނީ ގައުމީ ޓީމާއެކު އޭނާ ވާދަކުރާ 10 ވަނަ މުބާރާތަށެވެ. އެ މުބާރާތަށްފަހު ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ގިނަ މީޑިއާތަކުން ބުނި ނަމަވެސް މި ހަފުތާގެ އިންޓަނޭޝަނަލް ބްރޭކް ކުރި ރޮނާލްޑޯ ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.
"ގައުމީ ޓީމު ތަމްސީލުކުރުމުގައި ވަރަށް ދުރަށް ދެވިއްޖެ. މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން ގައުމީ ޓީމާއެކު އަހަރެން ދަތުރު އަދި ނުނިމޭ. އަހަރެން އަދިވެސް މިހުރީ ގައުމީ ޓީމަށް ކުޅުމުގެ ހިތްވަރުގައި. ގައުމީ ޓީމާއެކު ހާސިލްކުރަން ބޭނުންވާ ކަންކަންވެސް ގިނަ. ޒުވާން ކުޅުންތެރިންނާއެކުވެސް އަހަރެން ޓީމުގައި މިހުރީ ގައުމީ ޓީމަށް ކުރެވެން އޮތް ހިދުމަތް ނިންމާލަން ބޭނުން ނުވާތީ. ވޯލްޑް ކަޕްވެސް ކުޅެން ބޭނުން. އަދި 2024 ގައިވެސް ގައުމީ ޓީމު ތަމްސީލުކުރަން ބޭނުން،" މީގެ ދެ ދުވަސްކުރިން ޕޯޗުގަލްގެ ފެޑަރޭޝަނުން ރޮނާލްޑޯއަށް އެރުވި ގުއިނަސް ޑެ އޮއުރޯގެ އެވޯޑާ ހަވާލުވުމަށްފަހު ރޮނާލްޑޯ ބުންޏެވެ.
ބެލެވޭ ގޮތުގައި ރޮނާލްޑޯ ގައުމީ ޓީމަށް 200 އަށްވުރެ ގިނަ މެޗު ކުޅޭނެ ކަމަށް ލަފާކުރެވެއެވެ. އެ އަދަދަށް ގައުމީ ޓީމަށް މެޗު ކުޅެފިނަމަ، ރޮނާލްޑޯ ވެގެންދާނީ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. ކެރިއަރުގައި 800 އަށްވުރެ ގިނަ ގޯލު ޖަހައިފައިވާ ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް 1000 އަށްވުރެ ގިނަ މެޗު ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޕޯޗުގަލްއާ އެކު ރޮނާލްޑޯ ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2018-19 އަހަރުގެ ނޭޝަންސް ލީގެވެ. ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޮނާލްޑޯއަކީ ދުނިޔެ ދުއް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ.