މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަށް އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހެޅުމާ ގުޅިގެން އެ ބިލަށް އިސްލާމިކް މިނިސްޓްރީން ގެންނަން ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އެ ބިލާމެދު އިސްލާމިކް މިނިސްޓްރީގެ ރައުޔު ހޯދުމަށް، މަޖިލީހުން ފޮނުވުމާ ގުޅިގެން ދިނީ ބައެއް އިލްމުވެރީންނާއި ގާނޫނީ ވަކީލުންނާ މަޝްވަރާކުރުމަށްފަހު، އެ ބިލު ފާސްވެގެން އަންނައިރު ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބުރޫ އަރައި، ރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާ ކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރި ކަމަށެވެ.
އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މިނިސްޓްރީގެ ރައުޔު ބިނާކޮށްފައި ވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.
އެގޮތުން އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި، މުދަލާއި، ފުރާނައަށް ގެއްލުން ލިބުމަށް މަގުފަހިވާ ފަދަ ކުށްތައް މަނާ ކުރުމާއި، އިސްލާމްދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައި ކަންތައް ނަހީކުރުމުގެ ވާޖިބަށް ހުރަސް އެޅިދާ ފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ބިލުގައި ހިމެނުމުގެ މައްޗަށް މަޝްވަރާ ކުރެވުނު ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައި ވަނީ، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް ނުވަތަ އިނިްސާނިއްޔަތާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާހިނދު، އެކަމާ ދެކޮޅަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންތައްތައް ކަމުގައިވާއިރު، އެފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަ ކުރެވިދާނެތީ ބައެއް ލަފުޒުތަކަށް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތް ކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ލަފާފުޅަށް ބިނާކޮށް އެ މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނާނެ ކަމަށް ޔަގީން ކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ