ވިލިމާލޭ "މަސްޖިދުއްސަލާމް" ހުރި ބިމުގައި ޒަމާނީ ފެންވަރަށް އިމާރާތްކުރާ އާ މިސްކިތުގެ ބިންގާ އަޅައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަދީދެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ހެޔޮއެދޭ ޖަމިއްޔާއެއް ކަމަށްވާ ފިޔަ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ބިނާކުރަނީ ދެ ބުރީގެ ޒަމާނީ މިސްކިތެއް ކަމަށެވެ. އެއްފަހަރާ 1،000 މީހުންނަށް ނަމާދުކުރެވޭނެ ތަނަވަސް ޖާގައަކާއެކު އިމާރާތްކުރާ އެ މިސްކިތުގެ ސަބަބުން، ވިލިމާލޭގެ ރައްޔިތުންނަށް ނަމާދުކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން، ދީނީ ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކިޔަވައިދޭނެ ދެ ކްލާސްރޫމާއި، އިމާމުންގެ މަސައްކަތްތަކަށް ހާއްސަ އޮފީސް ކޮޓަރިއެއް ހިމެނޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ވަހުދަތު ވަރުގަދަކޮށް، ދީނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް 70 އަށްވުރެ ގިނަ މަޝްރޫއު ދަނީ ހިންގަމުން ކަމަށެވެ.
އޭގެ ތެރޭގައި އެކި ރަށްރަށުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތަކާއި ވަގުފު އިމާރާތްތައް އެޅުމުގެ މަސައްކަތްތައް ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ކޮމެންޓް