ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި ޕްރޮގްރާމަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރާއްޖޭގެ ދީނީ އޮިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށްޓަކައި އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދަން ނިންމި މުހިންމު ހަރަކާތެކެވެ.

މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތު ކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އަމާޒު ހިފައިފައެވެ. އަދި މި މަސައްކަތްތައް ކޮންމެ އަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ވުޒާރާއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕާޓްނާޝިޕްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މިސްކިތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ބެލެހެއްޓޭ، އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަންކުރެވޭނެ އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ހެދުމެވެ.