ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި މިސްކިތްތައް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓް ކުރާ، ޕްރައިވެޓައިޒޭޝަން ބޯޑުން އައުގާފްގެ ބޯޑަށް ހަމަޖައްސާފައިވަނީ ހަތް ބޭފުޅުންނެވެ. އެއީ؛

  • އިއްޒުއްދީން އަދުނާން - ޗެއާޕާސަން
  • ޔާމީން އިދުރީސް - މެނޭޖިން ޑިރެކްޓަރު
  • ހުސައިން ޝާމް އާދަމް - ބޯޑު މެންބަރު
  • ޑރ. މުހައްމަދު ޝުޖާއު -
  • ބޯޑު މެންބަރު މަރްޔަމް ނިހާޔަތު -
  • ބޯޑު މެންބަރު އަބްދުﷲ އަލީ - ބޯޑު މެންބަރު
  • މުހައްމަދު ހިލްމީ - ބޯޑު މެންބަރު

މިދިޔަ މަހުގެ 12 ވަނަ ދުވަހު އުފެއްދި މި ކުންފުންޏަކީ ރާއްޖޭގެ ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމަށް އަމާޒުކޮށްގެން އުފެއްދި ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ކުންފުނި މެދުވެރިކޮށް މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރާން ޖެހޭ އެންމެހައި ކަންކަންވެސް މި ކުންފުނީގެ ދަށުން ކުރިއަށް ގެންދާނެއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެކުންފުނި ވެގެންދާނީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް ކަމަށާއި ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް ކަމަށެވެ. މި ކުންފުނި ވެގެންދާނީ ގައުމީ އިޖުތިމާއީ އަދި އުމްރާނީ ވެއްޓަށް ލިބޭ ހާއްސަ ޒީނަތަކަށް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އަދި 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ މަސައްކަތުގައި ވަގުފު ކުންފުންޏަކީ މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.