ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަނުގައިކަން "ވަން" އަށް އެނގިއްޖެއެވެ.

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ވާނީ ތާވަލުކޮށްފަ އެވެ. ދައުވާތަކުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.

އެނގިފައިވާ ގޮތުގައި އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. އަދި އޭނާ ޝަރީއަތުގައި ބައިވެރިވާނީ އެގަމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.

އަލީ ވަހީދު މީގެ ކުރިން ވަނީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ޝަރީއަތުގައި އެދިފައެވެ. އެގޮތަށް އެދިފައިވަނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން ނިމިފައިނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ވެސް ހުށަހަޅައިފައެވެ.

އަލީ ވަހީދު މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މިއަދު ވިދާޅުވީ ދައުވާ ލިބޭ މީހަކު ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑެެތި ގޮންޖެހުންތަކެއް ހުންނާނޭ ކަމެއް ކަމަށެވެ. އަދި އެއީ ޝަރީއަތް ކުރުމުގެ ނިޒާމާ އެއްކޮށް ހިނގާނެ ކަމެއް ކަމުން، އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ނިޒާމެއްވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް އޮންލައިން އަޑުއެހުމެއްގައި ރާއްޖޭން ބޭރުގައި ހުރެފައި ކޯޓުގެ ހުރުމަތް ކަނޑާލީ. ދެން ކިހިނެތް ހަދާނީ އަޅުގަނޑުމެން. ވަރަށް ދެރައޭ ހުރުމަތް ކަނޑާލީއޭ. ތަންފީޒު ކުރެވޭ ނިޒާމެއް އޮންނަންޖެހޭ. އެހެން ނޫނީ މިއީ ބޮޑު ޖޯކަކަށޭ ވާނީ," ޝަމީމު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އަލީ ވަހީދުއާ މުއާމަލާތް ކުރަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ، ވަރަށް ހާއްސަ ހާލަތްތަކުގައި މެނުވީ، ދައުވާ ލިބޭ މީހާއާ ޕީޖީ އޮފީހުން ސީދާ މުއާމަލާތެއް ނުކުރާނެ ކަމަށާއި އެއީ ކުރާ ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ސެކްޝަނުން އަލީ ވަހީދުއާ މުއާމަލާތްތަކެއް ކުރާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އެ މުއާމަލާތްތައް ކުރަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރައިވަޑައިގެންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ވަނީ މި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވެފައެވެ.