ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިޔަށްދާ ސްޕީޑާމެދު ހިތްހަމަޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓާޖެނެރަލް ގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅޭ މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، އެފަދަ މައްސަލަތަކަކީ ތަހުގީގު ކުރަން ވަރަށް އުނދަގޫ މައްސަލަތަކެއް ކަމުން ތަހުގީގު އަވަސްއަރުވާލުމުގައި އަދި މައްސަލަ ލަސްކުރުމުގައިވެސް ގޯސްތަކެއް އެބަ ހުރި ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ ބާރު ސްޕީޑުގައި ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ޓީމަކާއެކު ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް ވަގުތުން ވަގުތަށް ލިބިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
"އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް ހަމަ ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ލިބެމުންވެސް އެބަދޭ. އަޅުގަނޑުމެންގެ އިރުޝާދުވެސް ފުލުހުން އެބަ ހޯއްދަވާ. ރާއްޖޭން ބޭރުގެ ބައެއް އިދާރާތަކުގެ ބައެއް މީހުންގެ އިރުޝާދުވެސް ފުލުހުން އެބަ ހޯއްދަވާ. އެހެންވީމަ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ޖުމުލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަ ޖެހޭ،" ޝަމީމު ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ، އެފަދަ މައްސަލަތަހުގެ ތަހުގީގު އަވަސްކޮށްލައިގެން ދިމާވާނެ މައްސަލަތަކެއް އެބަހުރި ކަމަށާއި، ލަސްކުރިއަސް ދިމާވާނެ މައްސަލަތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން "އެ މައްސައިގެ ތަހުގީގު އަވަސް އަރުވާލައިފިއްޔާ ދިމާވާނެ މައްސަލައަކީ އަސްލު އެކަމުގައި ބައިވެރި ވި ބައެއް މީހުން އަތު ނުޖެހި ދިއުން. އެއީ މާ ނުރައްކާތެރި ކަމެއް. ލަސްކޮށްފިއްޔާ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ އޭގަ ޖަޖްމެންޓް ކޯލެއް ނަގަން ޖެހޭނީ. ފުލުހުން އޭގެ ޖަޖްމެންޓުގައި ގޮތެއް ނިންމަން ޖެހޭނީ އެބޭފުޅުންގެ ތަޖުރިބާ އާއި ލިބިވަޑައިގެންފައި ހުރި މައުލޫމާތަށް ނިންމަވައިގެން ކުރިއަށްދާން. އެއްބައި އެއްޗެހި ލިބޭނެ އަނެއްބައި އެއްޗެހި ނުލިބޭނެ، އެގޮތަށް ކުރިއަށްދާން ޖެހޭ،" ކަމަށް ޝަމީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުއްމީދު ކުރައްވަނީ އަންނަ ޖުލައި މަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ލިޔުންތައް ލިބިވަޑައިގަންނަވާނެ ކަމަށް ކަމަށެވެ.
އެހެންކަމުން އަމާޒަކީ އޯގަސްޓް ފަހެއްގެ ކުރީން އެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ފޮނުވުން ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު