ރާއްޖޭގެ ރިސޯޓެއްގައި ގްރޫޕަކުން ބޭރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި އެކަކު 15 އަހަރަށް ޖަލަށް ލާން ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ރިސޯޓެއްގެ ސައުތު ކޮރެއާ އަންހެނަކު ރޭޕް ކޮށްފައިވަނީ ތިން މީހަކު ވެގެންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރި ތިން ދިވެހީންނެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންނާފައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އިއްޔެ ވަނީ އެ މައްސަލާގައި ދައުވާ ކުރި ތިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އަދި އޭނާ 15 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ނަމަވެސް ބާކީ ތިބި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ. މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.
ޕީޖީ އޮފީހުން ކުރި ދައުވާގައި ވާގޮތުން އެ އަންހެން މީހާ ރޭޕްކުރީ ކަނު ބަނދެގެން، ކަރުގައި ތޫނު އެއްޗެއް ޖައްސައި ބިރުދައްކައިގެންނެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރީ ރޭޕް ކުރުމުގެ ދައުވާއެވެ. އަދި ބާކީ ހުރި މީހާގެ މައްޗަށް ކުރީ ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މި މައްސަލާގައި ކުށް ސާބިތުވި މީހާގެ ޑީއެންއޭ ވަނީ އެ އަންހެން މީހާގެ ހަށިގަނޑުން ފެނިފައެވެ. އަދި އަނެއް މީހާގެ ޑީއެންއޭ ވަނީ އަންހެން މީހާގެ ކޮޓަރީން ލިބިފައެވެ. އަދި ރޭޕް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ކުރި މީހާގެ ފިންގަޕްރިންޓް ވަނީ އެ ކޮޓަރިން ލިބިފައެވެ. ނަމަވެސް އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ފަނޑިޔާރުން ނިންމެވީ އެކަށީގެންވާ ހެކި ނެތުމުންނެވެ.