ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ތުޅާދާ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް އިސްލާމިކް މިނިސްޓްރީ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ބަހެއް ހޯއްދެވުމަށްފަހު ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމެވުމަށް އެ ބިލު ދިރާސާކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމައިފި އެވެ.
މަޖިލީހުގައި އިއްޔެ ބަހުސް ފެށުމަށް ފަހު އެ ބިލް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމެޓީއަށެވެ. އަދި އެ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ޕީޖީއާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަހެއް އެ ބިލާ ގުޅޭ ގޮތުން ހޯދުމަށް ނިންމާފަ އެވެ.
"ހިޔާލުފާޅުކުރުމާއި މި ބާވަތުގެ ހައްގުތަކާ ގުޅޭ ބިލަކަށް ވާތީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ބިލަށް ކޮމެންޓް ހޯއްދެވުމަށް ލިޔުމަށް،" އޮންލައިންކޮށް ރޭ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ ބިލް ފާސްކުރުމަށް އަމާޒު ހިފާފައިވާ ކަން ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވީ، މަދު އިސްލާހުތަކެއް ހުރުމުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ކޮމެޓީން އެ ބިލާ ގުޅޭ ގޮތުން ގޮތެއް ނިންމެވުމަށް ފަހު ތަޅުމަށް ފޮނުވާނެ ކަމަށެވެ.
ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން ތިން މުއައްސަސާގެ ކޮމެންޓެއް ހޯއްދެވުމަށް ނިންމާފައިވައިރު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށް އިބްތިދާއީ ބަހުސް ނިންމައި، ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، ހާޒިރުވެ ތިއްބެވި 62 މެންބަރުންގެ ތެރެއިން 38 މެންބަރުން ވަނީ ބިލް ބަލައިގަތުމަށް ވޯޓު ދެއްވާފަ އެވެ.
އެބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވިއިރު އޭގެ ތެރޭގައި އެމްޑީޕީގެ ބައެެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ބިލު ބަލައިގަންނަން ބޭނުންވަނީ 28 ވޯޓެވެ.