މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައި ގަނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި މިއަދުން މިއަދަށް އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބިލު ބަަލައި ގަތުމަށް ނެގި ވޯޓުގައި، އެ ބިލު މަޖިލީހަށް ބަލައިގަތީ އެވަގުތު ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓު ދެއްވިއިރު އޭގެ ތެރޭގައި އެމްޑީޕީގެ ބައެެއް މެންބަރުންވެސް ހިމެނެއެވެ.
ބިލު ބަލައިގަންނަން ބޭނުންވަނީ 28 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ކުރިއަށް ގެންދިޔައިރު މި ބިލު މިހާރު އޮތް ގޮތަށް މަޖިލީހަށް ބިލު ބަލައި ގަންނަން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ހެއްދެވިއެވެ. އަދި މިހާރު ބިލުގައި ހިމެނޭ ބައެއް މާއްދާތައް ބަދަލު ކުރަންޖެހޭ ކަމަށް ވެސް ބައެެއް މެންބަރުން ވިދާޅުވިއެވެ.
އެގޮތުން ބިލުގެ ބަހުސްގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ވިދާޅުވީ އެ ބިލަށް ތާއީދު ނުކުރައްވާ ކަމަށާއި ބިލު ބަލައިގަންނަން ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދާއި، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ބިލުގައި ހިމެނޭ ބައެއް މާއްދާ ތަކަށް ވަރަށްބޮޑަށް ދެކޮޅު ހައްދަވައިފައެވެ.
ޔައުގޫބު ވިދާޅުވީ މިހާރު ބިލު އޮތް ގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބައޮތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކާއި އަމިއްލަ ބައެއް މެންބަރުން ސިފަކޮށްފައި ވަނީ މި ބިލަކީ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރުމަށް ހުޅުވިގެން ދާނެ ފުރުސަތެއްގެ ގޮތުގައެވެ.
އެގޮތުން ބައެއް މެންބަރުން ވިދާޅުވީ، އެއީ މިސަރުކާރު ސެކިއުލާ ސަރުކާރަކަށް ހެދުމުގެ މަގުސަދުގައި ހުށަހަޅާފައވާ ބިލެއް ކަމަށެވެ.
މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީވެސް ޖިނާއީ ކުށެކެވެ.
ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ބިލުގައިވާ ގޮތުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާ އެކު އެ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި ބައިވެރިވުމަކީވެސް ކުށެކެވެ. ބިލުގައިވާ ގޮތުން އެއީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށްވެގެން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީވެސް ކުށެކެވެ. އެއީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެއެވެ. އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ދަށްވެގެން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަށް ހިތްވަރުދިނުމަކީވެސް ކުށެކެވެ.
އެފަދަ ކުށެއް ކުރާ މީހަކަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕްކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.