ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަން ކުރާ އިރު ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސިވިލް ސާވިސްގެ ގާނޫނަށް މި އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލު ހުށަހެޅުއްވީ، ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު އެވެ. އެއީ އެމްޑީޕީ މެންބަރެކެވެ.

ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ، ގާނޫނު އެގޮތަށް އިސްލާހު ކުރުމުގެ ބޭނުމަކީ ދިވެހި ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު، ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެން ވާ، ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮތުމާއި ސިޔާސީ މަސްލަހަތުތަކުން އެކަހެރި ވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާ ނުވާ، އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމަށް، ސިވިލް ސާވިސްގެ ގާނޫނުގައި ބަޔާންވެފައި ވުން ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލުގެ ލަފަޔާއެކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ނަމަވެސް ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ ކައުންސިލްގެ ލަފާގެ މަތިން ކަމަށް އޮތް ބައި އިސްލާހުގައި ވަނީ އުނިކޮށްފައެވެ.