ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންގައި ހަރުކަށި ފިކުރާއި ގުޅުން ހުރި ފޮތްތަކެއްގެ އިތުރުން ބައެއް އެހެން ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި މާލޭ ޖަލުގެ ގޮޅިތަކުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން ސިމް ކާޑާއެކު 43 ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން "ވަން" އަށް ބުނީ، އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރާ ގުޅުންހުރި ފޮތްތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން އިތުރަށް ބުނީ، އެ އޮޕަރޭޝަންގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް ކަމަށެވެ. ނަމަވެސް، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.

"މި އޮޕަރޭޝަންގައި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވޭ. އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.

މާލޭ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކަރެކްޝަންސްއިން ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވަނީ ރޭ ފަތިހު 5:30 އިން ފެށިގެންނެވެ.