ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ ހޮލިޑޭ ހޯމްސް ސަރަހައްދުގައި ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ މި އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، އޭގައި އޮތީ މުޅިންވެސް ރައްޔިތުންނަށް ފައިދާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިހުލާސްތެރި ނިޔަތެއް ނެތި މި މަޝްރޫއު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، މިއީ މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނަކަށް ވާތީ ނުރައްކާތެރި ހުރިހާ މަގުތަކެއް ބަންދުކުރެވިފައި ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ގާތްގަނޑަކަށް ދެތިން ހަފްތާއަށް މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ އެއްބަސްވުން އެކުލަވާލެވުމުން، އެ ފުރިހަމަ އެއްބަސްވުންވެސް ދާއިމީ ކޮމިޓީއަކުން ބެލުމަށްޓަކައި މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، ޒިންމާދާރު ސަރުކާރަކަށް މިއަށްވުރެ ފުރިހަމައަށް މިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގެ އެ ސަރަހައްދުގައި އޮންނާނެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ ތަނުގައި ކަންކަން އޮންނާނީ ރިސޯޓުތަކަށް ވުރެވެސް ހަނިކޮށެވެ. އެގޮތުން އެ ސަރަހައްދުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި، ކެސިނޯއެއް ނުހުންނާނެ ކަމަށެވެ. އަދި ރޯދަމަހު އާންމުކޮށް މަގުމަތީގައި ކައިބޮއި ނޫޅެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ތަނުގައި މިސްކިތް ހުރެ ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ނުވަތަ އެ ނޫން ގޮތަކަށްވެސް ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް އެ ތަނުގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
އެ ތަނަކީ ދިވެހި ފުލުހުން ތިބޭ، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް އަދި ދައުލަތުގެ ހުރިހާ ބާރެއް ހިނގާނެ ތަނެއްކަން ފާހަގަކުރައްވައި، ގާނޫނު ފޮނުވާއިރު އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެ ތަނުގެ 25 އިންސައްތައަށް ވުރެ ގިނައިން ޕްރޮޕަޓީ ނުވިއްކޭނެ ގޮތަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި، ޕާސްޕޯޓުގެ އިތުރުން ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ޗެކްކޮށް، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ހިފުމުގެ އިތުރުން އެންމެ ދުވަހަކަށް މަޑުކޮށްލަންވެސް ނާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓުގެ ސަބަބުން މުޅި ރަސްމާލެ ތަރައްގީވެގެންދާނެ ގޮތް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެ ތަނަށް ބޭނުންވާ ކަރަންޓާއި ހިދުމަތްތައް ސަރުކާރު އަތުން ގަންނަ ގޮތަށް މަޝްރޫއު ބައްޓަންކޮށްފައިވާތީ، މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދޭން ގިނަ ފަރާތްތަކަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ބާކީ އޮތް 650 ހެކްޓަރު ތަރައްގީކުރުމުގައި މަޑުޖެހުމެއް ނެތި، އެންމެ ގިނަވެގެން 10 އަހަރުގެ ތެރޭގައި މުޅި ރަސްމާލެ އެއްކޮށް ތަރައްގީވާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނާއި، ދަފްތަރާއި، 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުން ހިމެނޭހެން، ގޯއްޗަށް ކުރިމަތިލި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ފުރަތަމަ ސޭލްއިން ލިބޭ 10 އިންސައްތައިގެ ތެރެއިން އިންވެސްޓަރު ކުރިއަށް ހަރަދުކުރާ 500 މިލިއަން ޑޮލަރު ބޭނުންކޮށްގެން، ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހުޅުމާލޭގައި ހުރިހާ އަސާސީ ހިދުމަތްތަކާއެކު 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު އޭގެ ސްޓްރަކްޗަރާއި ބޭރުގެ ފިނިޝިންގެ ބޮޑު ބައި ނިމި، ޒުވާނުންނާއި ރިސޯޓުތަކާއި މަސްވެރިކަން ފަދަ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން އަދި ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް އިސްކަންދީގެން އެ ތަންތަން ރަޖިސްޓްރީކޮށް ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް