ޔޫއޭއީގެ އީގަލް ހިލްސް މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓު 2028 ވަނަ އަހަރުގެ އޮގަސްޓު މަހަށް ނިންމައި، އެ ތަންތަން މަސައްކަތްތެރިންނަށް ހާއްސަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫއުގެ ތެރެއިން ހިންގާ މި ކަންކަމާއެކު ރާއްޖޭގައި ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް އުފަންވެގެން އަންނަ ކަމަށެވެ.

މި 5،000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ލޯނެއް ނަގައިގެން ނުވަތަ ދައުލަތުން އަނބުރާ ފައިސާ ދައްކަންޖެހޭ ގޮތަށް ހިންގާ މަޝްރޫއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ މަޝްރޫއުގެ ފުރަތަމަ ސޭލްގެ ތެރެއިން ސަރުކާރަށް ލިބެންޖެހޭ 10 އިންސައްތަ އާމްދަނީގެ ތެރެއިން، އިންވެސްޓަރު ކުރިއަށް ހަރަދުކުރާ 500 މިލިއަން ޑޮލަރު ބޭނުންކޮށްގެން ހުޅުމާލޭގައި އަޅާ ތަންތަނެވެ. އެ ފައިސާ ރިޒާވްގައި ބެހެއްޓުމުގެ ބަދަލުގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހަރަދުކުރެއްވުމަށް ނިންމެވީ ކަމަށާއި، ފެނާއި ނަރުދަމާއާއި ކަރަންޓު ފަދަ އަސާސީ ހުރިހާ ހިދުމަތަކާއެކު މި ޔުނިޓުތައް ނިންމައި ސަރުކާރާ ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ދައުރުގެ ތެރޭގައި 2028 ވަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ދާއިރު އެ އިމާރާތްތަކުގެ އޮނިގަނޑާއި ބޭރުގެ ފިނިޝިން މަސައްކަތްތަކުގެ ބޮޑު ބައި ނިމި، ގާނޫނީ ގޮތުން މީހުންނަށް ރަޖިސްޓްރީ ހަދައިދެވޭނެ ކަމަށެވެ. އަދި ގޮތެއް ފައިނަލް ނުކުރެއްވި ނަމަވެސް، އެ ޔުނިޓުތަކުގެ ތެރެއިން ގިނަ އަދަދެއް ކަނޑައަޅުއްވާނީ ޒުވާނުންނާއި ރިސޯޓު މުވައްޒަފުންނާއި މަސްވެރިކަން ފަދަ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން، އަދި ބޯހިޔާވަހިކަން ލިބިފައިނުވާ މީހުންނަށް އިސްކަންދީގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ އިންވެސްޓްމަންޓާ ގުޅޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށާއި، ދެތިން ހަފުތާއަށް ރައްޔިތުންގެ ހިޔާލަށް އެ ބިލު ހުޅުވާލާނެ ކަމަށެވެ. އަދި މަޝްރޫއުގެ މުޅި އެއްބަސްވުންވެސް މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ސަރަހައްދުގައި ހިނގާނީ ދިވެހި ދައުލަތުގެ ސިޔާދަތާއި ގާނޫނުތައް ކަމަށާއި، އެތަނުގައި ރަލާއި އޫރުމަސް ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، ކެސިނޯއާއި ބޭރުގެ ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ސްކޫލްތައްވެސް އެތަނުގައި ނުހުންނާނެ ކަމަށާއި، ފަސް ވަގުތު ބަންގި ގޮވާނެ މިސްކިތާއި ދިވެހި ފުލުހުންގެ ހިދުމަތް އެތަނުގައި ގާއިމުވެފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ގާނޫނުގައިވާ ގޮތުން އެއްވެސް ބޭރު ގައުމެއްގެ ރައްޔިތުންނަށް އެތަނުގެ 25 އިންސައްތައަށް ވުރެ ގިނަ ޕްރޮޕަޓީ ނުވިއްކޭނެ ކަމަށާއި، ނަމަވެސް ދިވެހިންނަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ޗެކްކުރާނެ ކަމަށާއި، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެތަނުން ތަނެއް ގަތުމުގެ ނުވަތަ ކުއްޔަށް ހިފުމުގެ އިތުރުން، އެންމެ ދުވަހަކަށްވެސް އެތަނަށް މަޑުކުރަން ނާދެވޭނެ ކަމަށް ވިދާޅުވިއެވެ. މިހާތަނަށްވެސް އެތަނުން ތަންތަން ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޖީސީސީ އާއި އަރަބި އިސްލާމީ ގައުމުތަކުގެ މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންވެސްޓްމަންޓް ބައްޓަންކޮށްފައިވަނީ އެތަނަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާ ސަރުކާރު އަތުން ގަންނަ ގޮތަށް ކަމަށްވާތީ، މުޅި ރަސްމާލެއަށް އެ ހިދުމަތްތައް ގާއިމުކޮށްދިނުމަށް މިހާރުވެސް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ބާކީ އޮތް 650 ހެކްޓަރު ތަރައްގީކޮށް، އެންމެ ގިނަވެގެން 10 އަހަރުގެ ތެރޭގައި މުޅި ރަސްމާލެ ފުރިހަމަ ސިޓީއަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންނާއި ދަފުތަރުގައި ހިމެނޭ މީހުންނާއި 15 އަހަރު ވަންދެން މާލޭގައި އުޅެފައިވާ މީހުން ހިމެނޭހެން، ގޯއްޗަށް ކުރިމަތިލި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކަނީ އެ މަޝްރޫއު ހުއްޓުވުމަށް ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.