ބޯހިޔާވަހިކަމަށް ކަނޑައެޅި ހުރިހާ ކެޓަގަރީއަކުން ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށާއި އެއްވެސް މީހަކު ބާކީ ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންނާއި، ދަފުތަރުގައި ހިމެނޭ މީހުންނާއި، 15 އަހަރު ވަންދެން މާލޭގައި ދިރިއުޅުނު މީހުންގެ ކެޓަގަރީ ހިމެނޭ ގޮތަށް، ސަރުކާރުން އިއުލާންކުރި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް ވާ ވަރަށް ރަސްމާލޭގައި ޖާގަ އެބައޮތް ކަމަށެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ހަނިނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގެ އިންވެސްޓްމަންޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ގާތްގަނޑަކަށް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ މުއްދަތަކަށް މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން ވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ބެލުމަށްޓަކައި ސަރުކާރުން ފޮނުވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިންވެސްޓްމަންޓުގެ ދަށުން ތަރައްގީކުރާ ސަރަހައްދުގައި ކަންކަން އޮންނާނީ ރިސޯޓަކަށް ވުރެ ވެސް ހަނިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ތަނުގައި ރާ ވިއްކުމާއި ރާ ބުއިމުގެ އިތުރުން އޫރުމަސް ގެންގުޅުން މަނާވާނެ ކަމަށާއި، ކެސިނޯއެއް ވެސް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ތަނުގައި މިސްކިތް ހުންނާނެ ކަމަށާއި ފަސް ވަގުތު ބަންގި ގޮވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ގެސްޓްހައުސްތަކެކޭ އެއްފަދައިން، ރޯދަމަހު މަގުމައްޗަށް ފެންނަ ގޮތަށް އާންމުކޮށް ކައިބޮއި ހެދުން އެ ތަނުގައި ވެސް މަނާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހިނގާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކެވެ. އަދި އަސްކަރީ ގޮތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ދިވެހި ދައުލަތުގެ ފުރިހަމަ ބާރު އެ ތަނުގައި ހިނގާނެ ކަމަށާއި، ދިވެހި ފުލުހުންގެ ހިދުމަތް ވެސް ގާއިމުވެފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ. ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ގޮތަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް އެ ތަނުގައި ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް ނުހުންނާނެ ކަމަށާއި، އެ ތަނުން ހޮލިޑޭ ހޯމްސް ގަންނަ ބޭރު މީހުންގެ ކުދިން ރާއްޖޭގެ ސްކޫލްތަކަށް ފޮނުވޭނީ މިހާރު ވެސް އޮންނަ މިންގަނޑުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބިލު ފޮނުވާއިރު، އެއްވެސް ބޭރު ގައުމެއްގެ ރައްޔިތުންނަށް އެ ތަނުގެ ޕްރޮޕަޓީތަކުގެ 25 އިންސައްތައަށް ވުރެ ގިނައިން ނުވިއްކޭނެ ގޮތަށް ކަނޑައަޅާފައި އޮންނާނެ ކަމަށާއި، ނަމަވެސް ދިވެހިންނަށް ތަންތަން ގަތުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޭވައިސީ ޗެކްކޮށްގެން ޕާސްޕޯޓުގެ އިތުރުން ހުރިހާ ގޮތަކުން ވެސް މީހުން ނިސްބަތްވާ ގައުމު ބަލާނެ ކަމަށާއި، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުމާއި، ކުއްޔަށް ހިފުމާއި، އެންމެ ދުވަހަކަށް މަޑުކޮށްލަން އައުން ވެސް މަނާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިހާތަނަށް ފެންނަން އޮތް ގޮތުގައި އެ ތަނުން ޕްރޮޕަޓީ ގަތުމުގެ ޝައުގުވެރިކަން ހުރީ ޖީސީސީގެ ގައުމުތަކާއި އަރަބި އިސްލާމީ ގައުމުތަކުގެ މީހުންގެ މެދުގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި އިންވެސްޓްމަންޓް ބައްޓަންކޮށްފައިވަނީ އެ ތަނަށް ބޭނުންވާ ކަރަންޓާއި އެހެނިހެން ހިދުމަތްތައް ސަރުކާރުގެ އަތުން ގަންނަ ގޮތަށް ކަމަށް ވާތީ، މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ގިނަ ފަރާތްތަކަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ހުޅުމާލެއަށް ދިމާވި ފަދައިން މަޑުޖެހުމެއް ނެތި ބާކީ އޮތް 650 ހެކްޓަރު ތަރައްގީކުރެވޭނެ ކަމަށާއި، އެންމެ ގިނަވެގެން 10 އަހަރުގެ ތެރޭގައި މުޅި ރަސްމާލެ އެއްކޮށް ތަރައްގީވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ފުރަތަމަ ސޭލްއިން ލިބޭ 10 އިންސައްތަ ނުވަތަ 500 މިލިއަން ޑޮލަރު ރިޒާވްގައި ބެހެއްޓުމުގެ ބަދަލުގައި، ބޯހިޔާވަހިކަމަށް ހަރަދުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފައިސާއިން ހުޅުމާލޭގައި އޮތް ބިމެއްގައި ފެނާއި ނަރުދަމާއާއި ކަރަންޓު ފަދަ އަސާސީ ހުރިހާ ހިދުމަތަކާއެކު 5،000 ހައުސިން ޔުނިޓް އަޅަމުންދާ ކަމަށާއި، މިއީ ބީއެމްއެލް ފަދަ ތަނަކުން ލޯނެއް ނަގައިގެން ނުވަތަ ސަރުކާރުން އަނބުރާ ފައިސާ ދައްކަންޖެހޭ ގޮތަށް ހިންގާ މަޝްރޫއެއް ނޫން ކަމަށް ވިދާޅުވިއެވެ. 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު މި 5،000 ޔުނިޓުގެ ސްޓްރަކްޗާއާއި ބޭރުގެ ފިނިޝިން މަސައްކަތްތައް ނިމި، ގާނޫނީ ގޮތުން ރަޖިސްޓްރީ ހަދައިދެވޭ ވަރު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި 5000 ޔުނިޓު ދޭނެ ފަރާތްތައް ފައިނަލް ނުކުރައްވާ ކަމުގައި ވިޔަސް، މި ޔުނިޓުތަކުގެ ތެރެއިން ގިނަ އަދަދެއް ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިން ހިމެނޭހެން އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަން ހޯދާ މީހުންނަށް ހާއްސަކުރުމަށް ވިސްނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ކަންކަން އޮޅުވާލައި، ބިރު އުފައްދައިގެން މި އިންވެސްޓްމަންޓް ހުއްޓުވުމަށް ކަމަށެވެ. އެ ފަރާތްތަކުން އެގޮތަށް މަސައްކަތްކުރަނީ މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދި، ރާއްޖޭގެ ޖީޑީޕީއާއި ކްރެޑިޓް ރޭޓިން މަތިވެ، ބޮޑު ދަރަނިން ގައުމު ސަލާމަތްވާނެކަން އެނގޭތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށާއި އދ.ގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުއްލެވި ހަމައެކަނި ރައީސަކީ އެ މަނިކުފާނު ކަން ފާހަގަކުރައްވައި، ރަސްމާލޭގައި އިޒްރޭލު މީހުން ވަޒަންވެރިކުރުވަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް