އެމްޑީޕީގެ މަސައްކަތް ދެބައިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން މިގޮތަށް ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވުމާ ގުޅިގެންނެވެ.

ހަސަން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ އެޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި އެހެން މައްސަލަތައް ބަލަން ސަރުކާރުން "ފޫކަހަން" ފެށީމަ ކަމަށެވެ.

"ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމުލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ،" ހަސަން ވިދާޅުވިއެވެ.

ރާއްޖެ ޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، އިސްލާހީ މަސައްކަތާއި އަދި އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި އެއްވެސް މީހަކު އެ ޕާޓީ ބައިބައިވުމަށް ބޭނުން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ ކަމަށް ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިންގުމަށް ހުރަސްއެޅޭ ހިސާބަށް ކަންކަން ގެންދެވޭ ނަމަ، އެއް ޕާޓީއަކުން ހިންގާ އެ ދެ ބައިގެ މަސައްކަތް އެދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރާއި އަދި މަޖިލީހުގެ ކޮންޓްރޯލް އެއް ޕާޓީއެއްގެ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެކަން ކުރަން ޖެހޭނީ އެންމެ ހެޔޮގޮތުގައި ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަކި ވަރަކަށް ވުރެ ބޮޑަށް ދޫކޮށްލެވިއްޖެ ނަމަ ކޮރޮޕްޝަނަށް މަގުފަހިވާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރު ހިންގަން ދަތިވާ ވަރަށް މަޖިލީހުން ކަންކަމުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވަމުންދާއިރު ބިގޭ ވިދާޅުވީ، އެކަމަނާ އަކީ އެމްޑީޕީގެ މަންމަ ކަމަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެމްޑީޕީއާ ރައީސް ނަޝީދަށް ދެރަވާނެ ކަމެއް މާރިޔާ ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހުރަސް އަޅަމުންދާ ކަމަށްބުނެ، އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވަނީ ބިގޭއަށް ހޫނު ރައްދުތަކެއް ދެއްވައި، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ ކަމަށެވެ.

އެގޮތަށް ތުހުމަތުކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން އެ މައްސަލަ ބޭރުކޮށްލައިފައިވާތީއެވެ. ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމުގައިވެސް އިސް ދައުރެއް އަދާކޮށްފައިވަނީ ބިގޭ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.