ދައުލަތުގެ ތިން ބާރުގެ ވެރިންގެ އިތުރުން ޕޮލިސް ކޮމިޝަނަރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށްވެސް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްދީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ދައުލަތުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެނީ ހަމައެކަނި ތިން ބާރުގެ ވެރިންނަށް ނޫން ކަމަށެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ވެރިންނަކީ ވެސް ހިމާޔަތް ދޭން ޖެހޭ ފަރާތްތަކެއް ކަމަށާއި، އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކަސްޓަމްސްގެ ވެރިޔާގެ އިތުރުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ގެ އިސް ފަރާތް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ މިހާރު މިއޮތް ހާލަތުގައި ސަލާމަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން އެ ފަރާތްތަކަށް ގެކޮޅު ހަމަޖެއްސުމަކީ ހަރަދު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް އަލީ އާޒިމް ފާހަގަ ކުރެއްވިއެވެ.

ވިސްނުމަކީ ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްރަކަށް، ވަކި ސަރަހެއްދެއް ކަނޑައެޅުން ކަމަށާއި އެކަމުގެ ސަބަބުން ހަރަދު ކުޑަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތުން އަނެއްކާވެސް ތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި، އަޅުގަނޑުގެ ހިޔާލަކީ އަޅުގަނޑުގެ ވިސްނުމަކީ ވަކި ސަރަހައްދެއް، އަޅުގަނޑުމެން ހިމާޔަތާ ރައްކާތެރިކަން ދޭންޖެހޭ ފަރާތްރަކަށް، ވަކި ސަރަހެއްދެއް، ސަރުކާރުން، ދައުލަތުން ބިލްޑް ކޮށްފައި އިމާރާތް ކޮށްފައި އެފަރާތްތަކަށް ބަހައްޓާފައި، އެފަރާތްތަކުގެ މުއްދަތު ހަމަވެ ނިމުނީމާ، އެތަނަށް ވަނުމާ ނުކުތުން އޮންނާނީ އަބަދުވެސް އެގޮތަށް ކަމަށް ހަދަން،" އާޒިމް ވިދާޅުވި އެވެ.