ކޮވިޑު-19 ކޮންޓްރޯލް ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖަވާބުދާރީވެވަޑައިގަތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑު ކޮންޓްރޯލް ކުރުމުގައި ސަރުކާރު ނުކުޅެދި، ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން އެތައް ރައްޔިތުންތަކެއް ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަންކަން ތަހުގީގުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވުމަށާއި، ޒިންމާއާ ހަވާލުވެގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް އިސްތިއުފާ ދިނުމަށް ގޮވާލާ ކަމަށެވެ.

ކޮވިޑު ބަލީގައި ދުނިޔެ ދޫކުރަމުންދާ ދިވެހި ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ސަމާލުކަން ނުދޭތީ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ މަރުތަކުގައި ސަރުކާރުގެ އިހުމާލާއި ފަރުވާކުޑަކަމުގެ ބޮޑުކަންވެސް ފާހަގަވާ ކަމަށާއި އެގޮތުން އެމްބިއުލާންސް އައުން ލަސްވެ އުމުރުން އެންމެ 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގައްޔާއި އުމުރުން 28 އަހަރުގެ މަރިޔަމް އިބްރާހިމްގެ މަރުގައި ބޮޑެތި އިހުމާލުތައް ހުރިކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މިޝްކާގެ ހާލު ސީރިއަސްވެ ތަކުރާރުކޮށް އާއިލާއިން އާދޭސްކުރުމުންވެސް އެމްބިއުލާންސް ފޮނުވުން ލަސްވެފައިވާކަން ސަރުކާރުން ހާމަކުރި މި މައްސަލައިގެ ރިޕޯޓުންވެސް ހާމަވާ ކަމަށާއި މި މަރުގައިވެސް އިހުމާލާއި ފަރުވާ ކުޑަކަން އޮތްކަން ފާހަގަވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ގއ. ދާންދޫން ހާލު ދެރަވެގެން، އެ އަތޮޅު ވިލިނގިއްޔަށް ފޮނުވާފައިވާ މަރިޔަމްގެ އިތުރު ފަރުވާއަށް މާލެ ފޮނުވި އިރު، ފްލައިޓުމަތިން ވެންޓިލޭޓަރު ޗާޖު ހުސްވުމުން އޭނާގެ ހާލު އިތުރަށް ދަށްވެފައިވާކަންވެސް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުގެ އަގު ދައްކަން ޖެހޭނީ ކިތައް ދިވެހި ރައްޔިތުންގެ ފުރާނައިންތޯ އެ ކޯލިޝަނުން ވަނީ ސުވާލު އުފައްދައިފައެވެ. ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތަށްވެސް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ބުނެފައިވާ އިރު، މި ބަލީގައި ހާލު ސީރިއަސްވާ މީހަކު ފްލައިޓަށް އަރުވާއިރު އާލާތްތައް ހަމަނުވެ ހުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

"ކޮވިޑު ބަލީގައި ފަރުވާތެރިވެ ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތް ކުރާކަށް ނުވޭތޯ؟ ކޮވިޑު ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތައް އަޅާކަށް ނުވޭތޯ؟ ކޮވިޑު ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކުރާނީ މިފަދަ ހިތާމަވެރި ކިތައް ހާދިސާ ހިނގީމަތޯ؟؟" އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ކުޑަކުޑަ މިޝްކާ އާއި މަރިޔަމް ފަދަ ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށެވެ. އަދި ފަރުވާކުޑަ ކަމާއި އިހުމާލު އޮތްތޯ ބަލައި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އެޅުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

އޭގެ އިތުރުން ހަމަހަމަކަމާއެކު މި މައްސަލަ ބަލައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެ ކޯލިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށްވެސް ގޮވާލައިފައެވެ.