ކެނެޑާއިން ވެސް ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.

ކެނެޑާއިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ވަނީ ކެނެޑާއިން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

ޑޭވިޑް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެކްސިން ގަތުމަށް ކެނެޑާއިން ކޮވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމަށާއި އެ އެހީއިން ރާއްޖެއާއި ލަންކާއަށް ވެކްސިން ލިބޭނެ ކަމަށެވެ.

ނަމަވެސް ރާއްޖެއަށް ފޯރުކޮށްދޭ ވެކްސިންގެ އަދަދެއް އަދި ބްރޭންޑެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ކެނެޑާއިން ރާއްޖެއަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު، އެމެރިކާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.