މޮރޮކޯ ވަރުގަދަކަމުން އެ ޓީމުގެ ކުޅުން ބަލަންވެސް ބޭނުން ނުވާ ކަމަށާއި އެއީ ބިރުވެރި ހުވަފެނެއް ކަހަލަ ޓީމެއް ކަމަށް ކެނެޑާގެ ކޯޗު، ޖެސޭ މާޝް ބުނެފިއެވެ.

ކެނެޑާއިން މީގެ ކުރިން 1986 އަދި 2022 ވަނަ އަހަރުގެވެސް ވޯލްޑް ކަޕްގައި ކުޅެފައިވާ އިރު، އެޓީމަށް މިއީ ތާރީހުގައި ވެސް އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. އަމިއްލަ ގައުމުގައި ކޯ ހޯސްޓް ކުރާ ވޯލްޑް ކަޕްގެ ގަދަ 32 އަށް ކެނެޑާ ދަތުރުކޮށްފައިވާ އިރު، މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ތާރީހު އިތުރަށް ލިޔެލުމަށެވެ. އެއީ ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރުގެ މެޗަކުން މޮޅުވުމަށެވެ.

"މޮރޮކޯއަކީ އަހަންނަށް ބިރުވެރި ހުވަފެނެއް ކަހަލަ ކަމެއް. އެއީ އެޓީމު ކުޅޭލަތް މޮޅުކަމުން އަހަރެން ބަލަންވެސް ބޭނުމެއް ނުވޭ. އެއީ މޮރޮކޯ މޮޅުކަމުން،" ކެނެޑާ ކޯޗު މާޝް ބުންޏެވެ.

ތަޖުރިބާކާރު ކޯޗު މާޝް ބުނީ މޮރޮކޯއަކީ މިހާރު އެންމެންގެ އިހުތިރާމު ހޯދާފައިވާ ޓީމެއް ކަމަށާއި، އެކަން ކެނެޑާއިންވެސް ދަންވެސް ޖެހޭ ކަމަށެވެ.

މާޝްގެ ޕްރެސްގައި އަނެއްކާވެސް ކެނެޑާގެ ތަރި އަލްފަންސޯ ޑޭވިސްގެ ވާހަކަ ދައްކާފައިވެއެވެ. މުބާރާތް ފެށުނު އިރު އަނިޔާގައި ހުރި ޑޭވިސް، ކެނެޑާއިން ގަދަ 32ގައި ކުޅުނު މެޗުގައި ފެނިގެން ދިޔަ ނަމަވެސް މިރޭގެ މެޗުގައިވެސް އޭނާ ފުލްކޮށް ބޭނުންކުރާނެ ކަމާމެދު އަދިވެސް ސުވާލުތަކެއް އެބަހުރި ކަމަށް މާޝް ބުންޏެވެ.

މާޝް ކުރިން ގްރޫޕް ސްޓޭޖުގައި ބުނީ ޑޭވިސް ފިޓް ކަމަށެވެ. އެހެން ނަމަވެސް ގްރޫޕް ސްޓޭޖުގެ ތެރެއިން މާޝް ބުނީ ފުރަތަމަ އެހެން ބުނީ "މައިންޑް ގޭމް"އަކުން ކަމަށެވެ. އަދި ޑޭވިސް މިހާރު ފުރިހަމައަށް ފިޓް ކަމަށް މާޝް ބުންޏެވެ.