ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ފަހުވަގުތު ސައުތު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ކޮންކެކަފް ފެޑަރޭޝަންގައި ވާދަކުރާ ކެނެޑާއަކީ ފުޓުބޯޅައިގެ މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫން ނަމަވެސް، އެޓީމަށް މިހާރު ވަނީ ދިރުން ގެނުވައިފައެވެ. ހާއްސަކޮށް އެ ރީޖަންގައި މިހާރު ކެނެޑާއަކީ ތަރިންތަކެއް އުފައްދަމުން އަންނަ ހަބެކެވެ. ކެނެޑާ ފުޓުބޯޅަ ތާރީހުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1985 ވަނަ އަހަރާއި 2000 ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ކޮންކަކަފް ޗެމްޕިއަންޝިޕް، ގޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އޭގެފަހުން ދެން ކުޅުނީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ.

ކެނެޑާއިން 1904 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހޯދި ނަމަވެސް، އޭގެ ފަހުން ފުޓުބޯޅައަށް މާ ބޮޑެތި އިންގިލާބުތަކެއް ނައިސް މަޑު ޖެހުނެވެ. އެހެންނަމަވެސް މިހާރު އާ ޖީލަކާއެކު ކުރިއަށްދާ ކެނެޑާއަށް މިއީ ހާއްސަ ވޯލްޑް ކަޕެކެވެ. އެއީ ކެނެޑާއަކީ މުބާރާތުގެ ހޯސްޓަކަށްވާތީއެވެ.

ދެކުނު އެފްރިކާއިން ފުރަތަމަ މެޗެއް ކުޅުނީ 1906 ވަނަ އަހަރުއެވެ. އޭގެފަހުން ފީފާގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު އަލުން ފުޓުބޯޅައަށް ނުކުތީ 1992 ވަނަ އަހަރުއެވެ. 16 އަހަރު އެގައުމުން ފީފާ ސަސްޕެންޝަނެއްގައި އޮތެވެ. މީގެ ކުރިން ތިން ވޯލްޑް ކަޕެއްގައި ދެކުނު އެފްރިކާއިން ކުޅުނެވެ. އެއީ ކޮލިފައި ވެގެން ކުޅުނު 1998 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން އެގައުމުގައި ބޭއްވި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ދެކުނު އެފްރިކާއަކީ ވޯލްޑް ކަޕެއް ހޯސްޓް ކުރި އެފްރިކާގެ ފުރަތަމަ ގައުމެވެ. އެ ޝަރަފާއެކު އެގައުމުގެ ވޯލްޑް ކަޕް ވެގެންދިޔައީ ގައުމުގެ ސަގާފަތް ދުނިޔެއަށް އިޝްތިހާރު ވެގެން ދިޔަ ވޯލްޑް ކަޕަކަށެވެ.

މީގެ ކުރިން 1996 ވަނަ އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދި ދެކުނު އެފްރިކާއިން މިފަހަރު ވޯލްޑް ކަޕަށް ނުކުންނަނީ މެދުކެނޑުމަކަށްފަހުއެވެ. އަމިއްލަ ގައުމުގެ ވޯލްޑް ކަޕާއި ދެން ކުރިން ކުޅުނު ވޯލްޑް ކަޕްތަކުގައިވެސް އެގައުމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

ސައުތު އެފްރިކާ އިން ގަދަ 32 ގެ ބުރުން ޖާގަ ހޯދާފައިވަނީ "ގްރޫޕު އޭ" ގެ ދެވަނައިގެ ގޮތުގައެވެ. ސައުތު އެފްރިކާ އިން ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗުން ބަލިވެ، އެއް މެޗުން މޮޅުވެ އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ބަލިވެފައިވަނީ މުބާރާތުގެ އެއް ހޮސްޓު ކަމަށްވާ މެކްސިކޯ އަތުންނެވެ. ޗެކް ރިޕަބްލިކް އަތުން އެއްވަރުވި އިރު، ފަހު މެޗުގައި ސައުތު ކޮރެއާ ވަނީ ބަލިކޮށްފައެވެ. ސައުތު އެފްރިކާ އިން ވަނީ ގްރޫޕު ސްޓޭޖުގައި ޖުމުލަ ހަތަރު ޕޮއިންޓު ހޯދައިފައެވެ.

ކެނެޑާ އިން ގަދަ 32 އިން ޖާގަ ހޯދާފައިވަނީ "ގްރޫޕު ބީ" ގެ ދެވަނަ ހޯދައިގެންނެވެ. ކެނެޑާ އިން ވެސް ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗުން ބަލިވެ، އެއް މެޗުން މޮޅުވެ އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ބަލިވެފައިވަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑް އަތުންނެވެ. ފުރަތަމަ މެޗުގައި ބޮސްނިއާ އަތުން އެއްވަރުވި އިރު، ދެވަނަ މެޗުގައި ގަތަރު އަތުން 6-0 ގެ ބޮޑު ތަފާތަކުން ވަނީ މޮޅުވެފައެވެ. ގްރޫޕު ސްޓޭޖުގެ މެޗުތައް އަމިއްލަ ގައުމުގައި ކުޅުނު ނަމަވެސް، ނޮކްއައުޓް ބުރުތަކުގައި ހުރިހާ މެޗެއް އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެގޮތުން ގަދަ 32 ގެ މެޗު ކެނެޑާ އިން ކުޅެން ޖެހޭނީ އެމެރިކާގައެވެ.

މިރޭގެ މެޗަށް ސައުތު އެފްރިކާ އިން ވަނީ އެޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ޔަޔާ ސިތޯލް، ޓެބޯހޯ މޮކޮއެނާ، ތަޕެލޯ މަސޭކޯ، ރެލެބޮހީލް މޮފޮކެންގް، އޮސްވިން އަޕޮލިސް، އެވިޑެންސް މަކްގޯޕާ އަދި އޯބްރީ މޮޑިބާ، ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަދި މިރޭގެ މެޗުގައި ވެސް އެޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ކެޕްޓަން ރޮންވެން ވިލިއަމްސް އެވެ.

ކެނެޑާ އިން އެޓީމުގެ ތަރި އަލްފަންސޯ ޑޭވިސް މެޗަށް ފިޓުވި ނަމަވެސް، މިރޭގެ މެޗު އޭނާ ފެށީ ބެންޗުންނެވެ. ނަމަވެސް އެޓީމުގެ މުހިންމު އެހެން ކުޅުންތެރިން ކަމަށްވާ ޖޮނަތަން ޑޭވިޑް، ޓަނީ އޮލުވަޝޭހީ، ސްޓެފަން ޔުސްތާކިއޯ، ޓެޔޮން ބިއުކެނަން، ލިއަމް މިލާ، ރިޗީ ލަރޭޔާ، ޑެރެކް ކޯނެލިއަސް އަދި ކީޕަރު މެކްސިމް ކްރެޕޯ ފުރަތަމަ 11 ގައި ހިމެނުނެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ސައުތު އެފްރިކާގެ މައްޗަށް ކެނެޑާއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ކެނެޑާއަށް ގޯސްތަކެއް ހެދުނު އިރު، ސައުތު އެފްރިކާ ފެނުނީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކޮށެވެ. އެގޮތުން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސައުތު އެފްރިކާގެ ހަމަލާއެއް ވެސް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓެބޯހޯ މޮކެއޭނާ ފޮނުވާލި ހަމަލާ، ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ކެނެޑާއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ފުރުސަތު ވެސް ލިބިފައިވަނީ އެޓީމުގެ ފޯވަޑް ޖޮނަތަން ޑޭވިޑް އަށެވެ. ޓަނީ އޮލުވަޝޭހީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮނަތަން ޑޭވިޑް ނުރައްކާކުރުމުގެ ކުރިން ސައުތު އެފްރިކާގެ ޑިފެންސުން ދިފާއުކުރި އިރު، ކޯނަރެއްގެ ތެރެއިން ޖޮނަތަން ޑޭވިޑް ބޮލުން ފޮނުވާލި ހަމަލާ، ސައުތު އެފްރިކާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ވެސް ކެނެޑާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ސްޓެފަން ޔުސްތާކިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެރެކް ކޯނެލިއަސް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސައުތު އެފްރިކާ ކީޕަރު ރޮންވެން ވިލިއަމްސްއާ ދިމާއަށެވެ. ކޯނެލިއަސްގެ ބޮލުގައި ރަނގަޅަށް އެ ބޯޅަ ލައްވާލައިފައެއް ނުވެއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ކެނެޑާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. މޮކޮއެނާއަށް ހެދުނު ގޯހަކުން ލިއަމް މިލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޓަނީ އޮލުވަޝޭހީ ފޮނުވާލި ހަމަލާ، ސައުތު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ މާބޮޑު އުނދަގުލެއް ނެތި ދިފާއުކޮށްފައެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ވެސް ކެނެޑާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޔުސްތާކިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޮލުވަޝޭހީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސައުތު އެފްރިކާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކައިރިކައިރީގައި ކެނެޑާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޮލުވަޝޭހީ ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ސައުތު އެފްރިކާ ޑިފެންޑަރު މޮޑީބާ ބްލޮކް ކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ޓަހޯން ބިއުކެނަން ފޮނުވާލި ހަމަލާ، ސައުތު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ދެ ޓީމުން ވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ލިބޭ ފުރުސަތުތަކުގައި ކުރިއަށް ކުޅުމަށް ވަނީ މަސައްކަތްކޮށްފައެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮސްވިން އަޕޮލިސް ފޮނުވާލި ހަމަލާ ދިޔައީ ކެނެޑާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ކެނެޑާއަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނިކޯ ސިގޫ ދިން ބޯޅައެއް ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޮލުވަޝޭހީ ފޮނުވާލި ހަމަލާ، ސައުތު އެފްރިކާ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅަ ހުސްކޮށް ހުރި ޖޮނަތަން ޑޭވިޑަށް ލިބުމުގެ ކުރިން ސައުތު އެފްރިކާ ޑިފެންޑަރު އެމްބެކެޒެލީ އެމްބޮކާޒީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވިސް ކުޅެން ނުކުތް އިރު، އޭގެ ދެ މިނެޓު ފަހުން ކެނެޑާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުުތް ޕްރޮމިސް ޑޭވިޑް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ސައުތު އެފްރިކާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް، ދެ ޓީމުން ވެސް ވާދަވެރިކަމާއެކު މަސައްކަތްކުރަމުންދިޔައެވެ. އެގޮތުން މެޗުގެ 85 ވަނަ މިނެޓުގައި ސައުތު އެފްރިކާ އިން ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަޕޮލިސް ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ކެނެޑާ ކީޕަރު ކްރެޕޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކެނެޑާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅަ، ޔުސްތާކިއޯ ވަނީ ސައުތު އެފްރިކާ ގޯލުގެ ތިރީ ކަނަކަށް ބޯޅު ފޮނުވާލައިފައެވެ.