ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ޕްރޮޑަކްޝަން ކުންފުންޏެއް އިފްތިތާހުކުރައްވައިފިއެވެ.

ޓްރޫޑޯގެ މަންދޫބުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނި ގޮތުގައި، އޭނާ ވަނީ މީޑިއާ އަދި ކޮންޓެންޓް އުފެއްދުމުގެ ދާއިރާއަށް ހާއްސަ ކުންފުންޏެއް އުފައްދަވާފައެވެ.

މި ބަޔާނުގައިވާ ގޮތުން، ކުންފުނީގެ މައިގަނޑު އަމާޒަކީ މުހިންމު އިޖުތިމާއީ މައްސަލަތަކާއި ބައިނަލްއަގުވާމީ ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވާ ފަދަ އުފެއްދުންތައް ގެނެސްދިނުމެވެ. ނަމަވެސް، ކުންފުންޏަށް ކިޔާނެ ރަސްމީ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ކުންފުނިން ކުރިއަށްގެންދާނެ ވަކި ޕްރޮޖެކްޓުތަކެއްގެ ތަފުސީލުތައް ވެސް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، ކުންފުނީގެ މަސައްކަތްތައް ފަށާނެ ތާރީހަކާއި، ފުރަތަމަ އުފައްދާނެ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ. ކުންފުނީގެ ހިންގުމުގައި ޓްރޫޑޯ އަދާކުރައްވާނީ ކޮން ދައުރެއްކަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، އޭނާ ހުންނަވާނީ ކުންފުނީގެ އިސް ސަފުގައި ކަމަށް މަންދޫބުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ބޮޑެތި ސްޓްރީމިން ޕްލެޓްފޯމްތަކާ އެކު ޕާޓްނާޝިޕް ހެދުމަށް ޓްރޫޑޯގެ ކުންފުނިން މަޝްވަރާކުރަމުން އަންނަކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިއީ ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށްދީފައިވާ މައުލޫމާތެއް ނޫނެވެ. ޓްރޫޑޯގެ ފަރާތުން މިހާތަނަށް ހާމަކޮށްފައިވަނީ ހަމައެކަނި ކުންފުނި އުފެއްދިކަމުގެ މައުލޫމާތެވެ.