ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާއަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ މާނާ ޖަމްޕާލާ، ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ ވާޗުއަލް ރިސެޕްޝަނިސްޓެއް އުފައްދައިފިއެވެ.

"ވޮކްސާ" ގެ ނަމުގައި 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ތައާރަފުކުރި މި ސޮފްޓްވެއާއަކީ، ކަސްޓަމަރުންގެ ކޯލުތަކަށް ޖަވާބުދިނުމާއި، އެޕޮއިންޓްމަންޓް ހެދުމާއި، އޯޑަރު ނެގުމުގެ އިތުރުން ކޯލުތަކުގެ ހުލާސާއެއް ތައްޔާރުކޮށްދޭ 24 ގަޑިއިރު މަސައްކަތްކުރާ އެހީތެރިއެކެވެ.

ބިޒްނަސް އިންސައިޑާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަމްޕާލާއަށް މި ހިޔާލު އައީ އޭނާގެ ބައްޕަ މަސައްކަތްކުރާ އޮފީހަށް ދިޔަ ދުވަސްވަރު، އެތަނުގެ މުވައްޒަފުން މަސައްކަތުގައި އަވަދިނެތި އުޅުމުގެ ސަބަބުން ގިނަ ކޯލުތަކަކަށް ޖަވާބު ނުދެވޭކަން ފާހަގަކުރެވުމުންނެވެ. ކޯލުތަކަށް ޖަވާބު ނުދެވުމަކީ ވިޔަފާރިޔަށް ލިބޭ ގެއްލުމެއްކަން ފާހަގަކުރެވުމާއެކު، އޭނާ މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.

ވޮކްސާގެ އިތުރުން، އާދައިގެ ބަހުރުވައިން ލިޔެގެން އޭއައި އޭޖެންޓުން އުފެއްދޭ "ވޮކްސާ އޭޖެންޓްސް" ގެ ނަމުގައި ވެސް ޕްލެޓްފޯމެއް އޭނާ ވަނީ ތައާރަފުކޮށްފައެވެ. ޖަމްޕާލާ ބުނި ގޮތުގައި، މިހާރު ވެސް މި ސިސްޓަމް މެދުވެރިކޮށް އެތައް ސަތޭކަ ކޯލެއް މެނޭޖުކުރަމުން އަންނައިރު، މިހާރު އަމާޒަކީ ފައިސާ ދައްކައިގެން ހިދުމަތް ހޯދާނެ ފުރަތަމަ ކަސްޓަމަރުން ހޯދުމެވެ. މިވަގުތު އަމިއްލަ ހަރަދުގައި ވިޔަފާރި ހިންގަމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކްސެލެރޭޓަރ ޕްރޮގްރާމެއްގައި ބައިވެރިވެ، ވިޔަފާރި ފުޅާކުރުމަށް ވެންޗަރ ކެޕިޓަލް އިންވެސްޓްމަންޓް ހޯދުމަށް ވިސްނާކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން 9 އަހަރުގައި ޕައިތަން ޕްރޮގްރާމިން ދަސްކުރަން ފެށި ޖަމްޕާލާ ވަނީ އިންޑިއާގައި ބޭއްވި ޔުނިވަސިޓީ ފެންވަރުގެ ސައިންސް މުބާރާތަކުން ހާއްސަ ވަނައެއް ހޯދައި، ޒުވާން އުފެއްދުންތެރިންނަށް ދޭ "1517 މެޑިޗީ ޕްރޮޖެކްޓް" ގެ ގްރާންޓް ވެސް ހާސިލުކޮށްފައެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ޅައުމުރުގައި ވިޔަފާރިއެއް ފެށުމުން ބައެއް މީހުންގެ ފަރާތުން އޭނާގެ އުމުރާ ގުޅޭގޮތުން ސުވާލުތައް ކުރިމަތިވެއެވެ. އަދި އެކަނި މަސައްކަތްކުރުމަކީ ބައެއް ފަހަރު އެކަނިވެރިކަން އިހުސާސްވާ ކަމެއް ކަމަށް ވިޔަސް، ޑިސްކޯޑް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އޭނާއާ އެއް އުމުރެއްގެ އެހެން ޒުވާން އުފެއްދުންތެރިންނާ ގުޅުން ބަދަހިކުރަމުން އަންނަ ކަމަށް ޖަމްޕާލާ ބުންޏެވެ.