ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ ބަންދަށް އަށް ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފިއެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގައެވެ. އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްވެސް ނެރުނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަޕޯލްއާ ގުޅިގެން ވަނީ ރާއްޖެ ގެނެސްފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އަދި ފުލުހުން އެދިފައި ވަނީ އޭނާގެ މައްޗައް އުފުލާފައިވާ ދައުވާތައް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް މުއްދަތު މަޖިލީހުގައި އިންނެވި ގާޒީ އާދަމް މުހައްމަދު އިތުރުކޮށްދެއްވީ އަށް ދުވަހެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އޭނާގެ މައްސަލަ ކޯޓަށް ހުށަހަޅާފައި އޮތުމުން ދެކޮޅަށް ހުށަހަޅާފައިވާ ހެކި ގަރީނާ ރަނގަޅަށް ވަޒަން ކުރުމަށްފަހު ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނިންމަން އެންމެ އެކަށީގެން ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މުއްދަތު މަޖިލީހުގައި އަންމަޓީގެ ފަރާތުން އޭނާއަށް ސިއްހީ ފަރުވާ ނުލިބޭ ކަމަސް ބުނެފައިވާތީ، އެ އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތަށާއި އިންވެސްޓިގޭޝަން އޮފިސަރަށް ގާޒީ އާދަމް މުހައްމަދު ވަނީ އަންގަވައިފައެވެ.

އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.