އަންނަ ހަފުތާގައި ފަށާ ޔޫރޯ 2020 މުބާރާތުގައި ވާދަކުރާ ބޮޑެތި ބައެއް ގައުމުތަކުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ފްރާންސާއި އިންގްލެންޑް މޮޅެއް ހޯދައިފިއެވެ.

ރޭ އިންގްލެންޑް އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-0 އިންނެވެ. މެޗުގައި އިންގްލެންޑަށް ޖަހައިދިން ހަމައެކަނި ގޯލް ޖަހައިދިނީ ބުކަޔޯ ސަކާއެވެ. އިންގްލެންޑުން ފައިނަލް ސްކޮޑު އިއްޔެ އިއުލާން ކޮށްފައިވާއިރު، ސްކޮޑުން ޖާގަ ލިބުނު ލިވަޕޫލްގެ ޑިފެންޑަރު ޓްރެކްސް އެލެކްސެންޑާ އާނޯލްޑަށް ވަނީ އަނިޔާވެ ބާލަން ޖެހިފައެވެ. އޭނާގެ އަނިޔާގެ ތަފުސީލު އަދި ލިބިފައެއް ނުވެއެވެ.

ފްރާންސުން ކުޅުނު މެޗުގައި 3-0 އިން ވޭލްސް ބަލިކުރިއިރު، އެ މެޗުގައި ގޯލްތައް ޖަހައިދިނީ ކިލިއަން އެމްބާޕޭއާއި އެންޓޮއިން ގްރީޒްމަން އަދި އުސްމާން ޑެމްބޭލޭއެވެ. ވޭލްސްއަށް މެޗު އުނދަގޫވީ ކުރީކޮޅުގައި ވޭލްސްގެ ލިވަޕޫލް ޑިފެންޑަރު ނެކޯ ވިލިއަމްސްއަށް ރަތް ކާޑެއްގައެވެ.

މެޗުގައި އެންމެގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުޅުންތެރިޔާ ކަރިމް ބެންޒެމާ އަތުން ޕެނެލްޓީއެއް ނާކާމިޔާބު ވެފައިވެސް ވެއެވެ. ބެންޒެމާ މިފަހަރު ސްކޮޑަށް ނަގާފައި ވަނީ ގިނަ ދުވަސްތަކެއްވަން ފްރާންސް ސްކޮޑުން ބޭރު ކޮށްފައި ބެހެއްޓުމަށް ފަހުގައެވެ.

ފްރާންސާއި އިންގްލެންޑް މޮޅުވިއިރު، ޖަރުމަނާއި ނެދަލެންޑްސް ކުޅުނު މެޗުތަކުން އެޓީމުތައް ވަނީ އެއްވަރުވެފައެވެ. ނެދަލެންޑްސް އާއި ސްކޮޓްލެންޑް ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. ޖަރުމަނުން ކުޅުނު މެޗުގައި ޑެންމާކާ އެއްވަރުވީ 1-1 އިންނެވެ.

ޔޫރޯގައި ވާދަކުރާ ބޮޑެތި ބައެއް ގައުމުތަކުގެ އެކުވެރިކަމުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ. ބެލްޖިއަމްއިން ގްރީސްއާ ދެކޮޅަށް ނުކުންނައިރު، ސްޕެއިންއިން ނުކުންނާނީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ.