މާލޭގައި އެކަށީގެންވާ އަދަދަކަށް އެމްބިއުލާންސް އެބަހުރި ކަމަށާއި އެޓެންޑުވާން އުނދަގުލަކާ ކުރިމަތިވެގެން ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ކޮވިޑްގެ އޮޕަރޭޝަންގައި މާލޭ ސަރަހައްދުގައި ފަސް އެމްބިއުލާންސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ ބަލި މީހުން އުފުލުމަށް އެންމެ އެކަށީގެންވާ އަދަދެއް ކަމަށެވެ.

"އީއެމްއެސް އެމްބިއުލާންސާއި އާރްއާރްޓީ އެމްބިއުލާންސާއި އަދި އައިޖީއެމްއެޗްގެ އެމްބިއުލާންސް ވެސް އޮންނާނެ. މި އަދަދުން މި ކަންތައްތައް ކުރެވޭނެ ކަމަށް އަޅުގަނޑުމެންގެ ތަޖުރިބާއިން އެނގެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، އޭގެން އެމްބިއުލާންސަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެހެން އެންބިއުލާންސަކަށް ބަދަލު ކުރުމުގެ ކަންކަންވެސް ފަހިވެފައި އޮންނަ ކަމަށެވެ.

މާލޭގައި އެކަށީގެންވާ އަދަދަކަށް އެމްބިއުލާންސް ހުރި ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އިރު، ކޮވިޑް ޖެހިގެން ރޭ މަރުވި، ދިހަ އަހަރުގެ މިޝްކާ މުހައްމަދު ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސް އައުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތު ކުރެއެވެ.

މިނިސްޓަރު ނަސީމްވެސް ވަނީ މިޝްކާގެ މަރުގެ މައްސަލައިގައި އިހުމާލުތަކެއް އުޅޭކަން ފާހަގަކުރައްވައިފައެވެ.