ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމަށް ސޯޝަލް މީޑީއާގައި ބުނި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމަށް ސޯޝަލް މީޑީއާގައި ބުނި މީހާއަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުކޮށް ރޭ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ހަސަން އަލާން އަލީއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޓެރަރިޒަމާ ގުޅުން ހުރި އިންޒާރުތައް ވަރަށްވެސް ސީރިއަސް ގޮތެއްގައި ފުލުހުން ބަލާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރަމުން ދަނިކޮށް، މަޖިލިސް ޖަލްސާ ލައިވް ކުރަމުންދިޔަ ލައިވްސްޓްރީމްގެ ކޮމެންޓް ސެކްޝަންގައި އޭނާ ކޮމެންޓް ކޮށްފައިވަނީ "ތި މަޖިލިސް ގޮއްވާލަންވީ،" ކަމަށް ބުނެއެވެ.
ހަސަން އަލާން މިގޮތަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބަހުސް، ޓީވީ ޗެނަލަކުން ލައިވް ކުރަމުން ދަނިކޮށް އެ ލައިވް ސްޓްރީމްގެ ކޮމެންޓް ސެކްޝަންގައެވެ.
ހަސަން އަލާނަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި 2013 ވަނަ އަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ.
އަލާން ހައްޔަރު ކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ، މިއަދުގެ ބަންދުގެ މަޖިލިސް ކުރިއަށް ގެންދިޔައީ އޭނާގެ ޣައިރު ހާޒިރުގައެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލި މީހާވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު