އައިޖިއެމްއެޗްގެ އިމެޖެންސީ ރޫމުގައި ފަރުވާދެމުން އަންނަނިކޮށް އުމުރުން 10 އަހަރުގެ ކުއްޖަކު ރޭ މަރުވެފައިވާއިރު، އެކުއްޖާ ބަލައި އެމްބިއުލެންސް ފޮނުވުން ލަސްވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، 10 އަަހރުގެ އެ ތުއްތު ކުއްޖާ ނިޔާވި މައްސަލައާ ގުޅުގެން ނޫސްތަކުން މިއަދު ފެނިގެންދާ ސުރުހީތަކުން ހިތް ފަޅައިގެންދާ ވަރުގެ ވާހަކަތަކެއް ފެންނަމުންދާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވީ، އެކުއްޖާގެ ބައްޕަ އާއި މަންމަ އަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބައެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކުއްޖާގެ މަންމަ އަކީ މާބަނޑު މީގެއް ކަމަށެވެ.
އެންމެ ފަހު ވަގުތު އެ އަންހެންމީހާ ބޭނުންވާ އޭނަގެ 10 އަހަރުގެ ކުއްޖާއަށް ބޮސްދިނުމަށް ކަމަށާއި، ނަމަވެސް ކޮވިޑްގެ ޕްރޮޓޮކޯލްގެ ސަބަބުން އެ ފުރުސަތުވެސް އޭނާއަށް ނުލިބުނުކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ކުއްޖާގެ މަންމައަށް އެ ފުރުސަތު ނުލިބުނީވެސް، ކޮވިޑް 19 ގެ ޕްރޮޓޮކޯލްތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ކުއްޖާބަލައި ދިއުމަށް އެންބިއުލެންސް ދިއުން ލަސްވީވެސް ކޮވިޑް ޕްރޮޓޮކޯލްތެރޭގައި ތާށިވެގެންކަމަށް މައުލުމާތު ލިބިފައިވާ ކަމަށާއި، އެކަންތައްތައް ރައްޔިތުންގެ މަޖިލީހުން ބަލައި ދިނުމަށް ގޮވާލައްވާކަަމަށް ސައީދު ވިދާޅުވިއެވެ.
ދިހަ އަހަރުގެ ކުއްޖާ ނިޔާވި މައްސަލައިގައި، އިމަޖެންސީ ކޯލަށް އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ވެސް ބަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ، ރޭ އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އައި އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވުމާއި ގުޅިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސް ދިއުން ލަސްވެފައިވާ ކަމަށް އާއިލާއިން ބުނެފައިވަނި ކޮށެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިބުނު އިމެޖެންސީ ކޯލަކަށް އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.