އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހަކާ ދިމާލަށް، އޭނާ އެ އުޅެނީ ދީނާ ދެކޮޅަށޭ ބުނާ މީހާއަށް އަދަބު ދޭން ގާނޫނު ބަދަލު ކުރުމަކީ އިސްލާމް ދީން ނިކަމެތިކުރަން ހިންގާ ޖަރީމާއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ލެކްޗަރާގެ އިތުރުން ފެކަލްޓީ އޮފް ޝަރިއާއެންޑް ލޯގެ ކުރީގެ ޑީން ޝެއިހު އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ، ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި، އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި އެކަމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅައި އެފަދަ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ނިސްބަތް ކޮށެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން، މަޖިލީހަށް ހުށަހެޅުމަށްޓަކައި އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މި ބިލުގައި ކުށް ކަމަށް ކަނޑައަޅާފައިވާ ބައެއް ބައިތައް ފާހަގަ ކުރައްވައި، އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާ ކުރުމަށާއި، އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނާ މީހާ "އުލުބައިންދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ، ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގާ ޖަރީމާއެއް ކަމުގައި ނޫނީ ނުވާނެ،" ކަމަަށެވެ.

އެބިލުގައި ބުނެފައިވާ ގޮތުން އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން، ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެކެވެ.

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ އެގޮތަށް ސިފަ ކުރުމުގައި ބައިވެރި ވުމަކީވެސް ކުށެއް ކަމުގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެން ކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ބިލުގައިވާ ގޮތުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާ އެކު އެ މީހަކާ ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި ބައިވެރިވުމަކީވެސް ކުށެކެވެ. ބިލުގައިވާ ގޮތުން އެއީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށްވެގެން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މުސްލިމަކު ކާފަރު ކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީވެސް ކުށެކެވެ. އެއީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެއެވެ. އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ދަށްވެގެން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަށް ހިތްވަރުދިނުމަކީވެސް ކުށެކެވެ.

އެފަދަ ކުށެއް ކުރާ މީހަކަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕް ކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުން ދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.