ކޮވިޑް ޖެހިގެން އިތުރު ދެމީހުން މަރުވެ ރާއްޖޭގައި މި ބަލި ޖެހިގެން މަރުވި މީހުން ޖުމުލަ އަދަދު 163 އަށް އަރައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ދެ މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި ދެމީހުންނެވެ.
މިއަދު ފުރަތަމަ މަރުވީ، 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ދެވަނަ އަށް މަރުވެފައި ވަނީ 59 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ހެނދުނު 06:00 ޖަހައި ބޮޑުވީ ފަހުންނެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު މި ބަލީގައި 13 މީހަކު މަރުވެފައިވެ އެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ރާއްޖެއަށް އަރާފައިވާ އިރު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށްފަހު މިހާރު މި އަދަދު ވަނީ މަޑު މަޑުން ދަށަށް ދާން ފަށައިފި އެވެ.
އެއްވެސް ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުން ދިޔުމާއި ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް މުޅި ރާއްޖޭގައި ވެސް އަޅައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު