މާލޭ ސަރަހައްދުގެ މިސްކިތްތަކުން ފެން ކަނޑާލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
އެލްޖީއޭގެ ޗީފް އެކްޒެކެޓިވް އޮފިސަރު، ފާތިމަތު އަފްޝަން ލަތީފް ސޮއިކުރައްވައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ހޮނިހިރު ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، މާލޭ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުވެ ހުންނާތީ ޕޮލިސީ ގްރޫޕުގައި މަޝްވަރާކޮށް ބައެއް ނިންމުންތައް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާތަކާއި އިސްކުރުބަރިތައް ބަންދުނުކޮށް ހުންނާތީ އަދިވެސް ގިނަ ބަޔަކު އެތަންތަން ބޭނުންކުރާތީ ބަލި ފެތުރުމުގެ ފުރުސަތު އޮތަތީވެ، މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާތައް ބޭނުން ނުކުރެވޭގޮތަށް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި އެހެންކަމުން، އެ ނިންމުމާ އެއްގޮތަަށް އަމަލު ކުރުމަށް ސިޓީ ކައުންސިލަށް އަންގާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ޕޮލިސީ ގުރޫޕުގެ ބައްދަލުވުމުގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގެ ފެން ކަނޑާލުމުގެ އިތުރުން ފުވައްމުލައް ސިޓީގެ ކޮވިޑުގެ ހާލަތު ގޯސްވާތީ އެ ސިޓީގެ ކަންކަން ގާތުން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އަންގާފައިވެއެވެ.
މާލޭގެ ކޮވިޑުގެ ހާލަތު ގޯސްވުމާއެކު، ބަލި ކޮންޓްރޯލުކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދުކުރުން ވެސް ހިމެނެއެވެ. ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށްފަހު، މިސްކިތްތައް ބަންދުކުރަން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މާލޭގެ މިސްކިތްތައް ބަންދުކުރި ނަމަވެސް، ބައެއް މީހުން މިސްކިތްތައް ބޭނުންކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިސްކިތްތައް ބޭނުންކުރަމުން ދިއުމުން ފުލުހުން ދަނީ ބައެއް މީހުންނާ މެދު ފިޔަވަޅު ވެސް އަޅަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު