ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލައިފި އެވެ.

ހުޅުމާލޭގައި ފުލެޓް އިމާރާތްކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތް ކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅެމުން ދިޔައީ ސްރީލަންކާގައެވެ. 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް އޮތީ ނެރެފައެވެ. ފިލައިގެން އުޅެނިކޮށް ލަންކާއިން އައްމަޓީ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިންޓަޕޯލާ ގުޅިގެން އޭނާ ވަނީ ރާއްޖެ ގެނައިސްފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނީ، 13 މާރިޗު 2014 ދުވަހު، ހައުސިން ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް 42 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ އެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފަށް ބިމެއް ހަވާލުކުރީ އެތަނުގައި 3000 ހައުސިން ޔުނިޓް އެޅުމަށް ޓަކައެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފައެވެ.

ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް ހަދާފައި ނުވުމާއި ފައިސާ ވެސް ދީފައިނުވާތީ، 200އަށްވުރެ ގިނަ މީހުން އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފައެވެ.