ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް، ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެޗްޑީސީއާ އެކު 2014 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "އެގްރީމެންޓް ފޮ ދި ޑިވެލޮޕްމަންޓް އެންޑް ސޭލްސް އޮފް 3000 ހައުސިން އުނިޓްސް އެންޑް އޮފީސް ކޮމްޕްލެކްސް އިން ހުޅުމާލެ" ޕްރޮޖެކްޓްގެ ދަށުން އާއްމުންނަށް ފްލެޓް ވިއްކާނެ ކަަމަށް ބުނެ ބައެއް މީހުންގެ އަތުން ބުކިން ފީ އަދި އަނެއް ބައެއްގެ އަތުން ބުކިން ފީއާ އެކު ޑައުންޕޭމަންޓްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު ފްލެޓް ވެސް އަދި އެ ފައިސާ ވެސް އޭގެ ވެރިފަރާތާ ހަވާލު ނުކުރި މައްސަލައިގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި ކުރިއެެވެ.
ނަމަވެސް އެ ދައުވާތައް އައްމަޓީގެ މައްޗަށް ސާބިތު ނުވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ ނުވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކުރިމިނަލް ކޯޓުން އައްމަޓީގެ މައްޗަށް ކުރި ހުކުމުގައި ވަނީ، އެ ދައުވާތަކަކީ މަދަނީ ތަބީއަތުގެ ދައުވާތަކެއް ކަމަށާއި އައްމަޓީގެ އެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން ހުކުމް ކުރީ އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅުއްވަމުން، ދައުލަތުގެ ވަކީލު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ފާތިމަތު ނީޝާ މިއަދު ވިދާޅުވީ، އެ 42 ގަޒިއްޔާ އައްމަޓީގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމީ، ގާނޫނުލް އުގޫބާތާއި މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާއި ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށެވެ.
އެ މާއްދާތައް ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލަ ކުރިމިނަލް ކޯޓުން ނިންމި އިރު، މިއީ މަދަނީ މައްސަލައެއް ކަމަށް މާނަކޮށް، ޖިނާއީ އިހްތިސޯސުން ބޭރު މައްސަލައެއް ކަމަށް ފަނޑިޔާރު މާނަކުރައްވާފައިވާ އިރު، ދައުލަތުން ދައުވާ އުފުލި ގާނޫނުގައި ބަޔާންކުރާ ގާނޫނީ އަސާސްތަކަށް އެއްވެސް މިންވަރަަކަށް ފަނޑިޔާރު ރިއާޔަތްކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް